ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގާއެކު ބްރެޒިލްއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ބްރެޒިލް އަށް ނިސްބަތްވާ ކްރިސްޓިއާނޯ ސިލްވާ، 28 އާއި ނައިރު ނޫނޭސް ޑިސޫޒާ،37 އެވެ.
ޑްރަގް ފެނިފައިވަނީ ކްރިސްޓިއާނޯ ސިލްވާގެ ލަގެޖުންނެވެ. އެގޮތުން އޭނާގެ ލަގެޖުން ފެނިފައިވާ ޑްރަގްގެ ބަރުދަނުގައި ޕެކިންއާއެކު 18.857 ކިލޯ ހުއްޓެވެ.
ނައިރު ވަނީ ލަގެޖްގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. އަދި ޑްރަގާއި ހަވާލުވެ އެކަމާއި ނައިރު އާއި އެއްވެސް ގުޅުމެއް ނެތް ކަމުގައި ކްރިސްޓިއާނޯ ސިލްވާ ވަނީ އިއުތިރާފްވެފައެވެ.
މިހާރު އެދެމީހުންވެސް ވަނީ ކޯޓު އަމުރަކާއެކު ފުލުހުންގެ ބަންދުގައެވެ. ކްރިސްޓިއާނޯ އަށް 15 ދުވަސް ކޯޓުން މުއްދަތު ޖަހާފައިވާއިރު ނައިރު އަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ 7 ދުވަހެވެ.
އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ.