ޚަބަރު
ހޯނޑެއްދޫ އަދި ނަޑެއްލާގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރަން ނިންމައިފި

ހުވަދު އަތޮޅުގެ ދެރަށެއްގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމަށް ޔޫތު މިނިސްޓްރީ އާއި އެފް.އެސް.އެސް މޯލްޑިވްސް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގދ.ނަޑެއްލާ އަދި ގދ.ހޯނޑެއްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތަށް ކޮންމެ ރަށަކަށް ވަކިން 8 ލައްކަ ރުފިޔާގެ ބަޖެޓެއް ސަރުކާރުގެ ޑޮމެސްޓިކު ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައްޔިތުންގެ މަޖުލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން “ހުވަދޫ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް މިހާރު އެފްއެސްއެސް މޯލްޑިވްސް އާ ހަވާލުކުރެވިފައިވާ ކަމަށާއި ލަސްތަކެއްނުވެ ކޮމިއުނިޓީ ސެންޓަރުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ މިއީ އެދެރަށުގެ ރައްޔިތުންނަށް އޭނަ ވެފައިވާ ވައުދެއްގެ ދަށުން ކުރެވެނު ކަމެއް ކަމަށާއި އެދެރަށުގެ ޒުވާނުންނަށް މިއީ ވަރަށް ބޭނުންތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ.

ފިރުޝާންގެ ވައުދާ އެއްގޮތަށް އެދެރަށުގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން އަދި ޔޫތު މިނިސްޓްރީން ވެދެއްވި އެއްބާރުލުމަށް ފިރުޝާންވަނީ ރައްޔިތުންގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށާއި، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފަށް ޝުކުރު ދަންވާފައެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. ޔޫތު މިނިސްޓަރ މަހުލޫފްވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ހަމައެއާއެކު މިރަސްމިއްޔާތުގެ ތެރެއިން ހުވަދު އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ގއ.ވިލިނގިލި، ގއ.ދާންދޫ، ގއ.ނިލަންދޫ، ގއ.ކޮލަމާފުށީގައި ވޮލީކޯޓު އެޅުމަށްވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިދެޕްރޮޖެކްޓްވެސް ހަވާލުކޮށްފައިވަނީ އެފް.އެސް.އެސް މޯލްޑިވްސް އާއެވެ.

Comment