ކ. އަތޮޅު ގުރައިދޫގައި ކުޑަކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.
ގުރައިދޫގައި ގެނބިގެން ނިޔާވި ކުއްޖާއަކީ ރަށުގެ އުތުރު ފަރާތު ގޮނޑޮދޮށާއި ކައިރީގައި ހުންނަ ގެއެއްގެ ކުއްޖެކެވެ. މޫދަށް ގެނބި ނިޔާވެފައި އޮއްވާ މިކުއްޖާ ފެނިފައިވާއިރު، މިއީ އުމުރުން ދެއަހަރުގެ ކުޑަ އަންހެންކުއްޖެއްކަން ފާހަގަކޮށްލެވެއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މީޑިޔާއަށް މައުލޫމާތުދީފައިވާ ގޮތުގައި، މި ހާދިސާ ހިނގައި ދިޔައީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ކުއްޖާގެ މަންމަ މިކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުން ކަމުގައެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް މައުލޫމާތު ދީފައިވާ ގޮތުގައި، ނިޔާވި ކުއްޖާ ދިރިއުޅެމުން އައިސްފައިވަނީ، މޫދާއި ވަރަށް ކައިރި ގެއެއްގައެވެ. ކުއްޖާގެ މަންމަ އެކުއްޖާއަށް ކާންދީފައި، ތަށި ދިވެގެން އައިސްބެލިއިރު، ތުއްތު ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދަށް ގެނބި ނިޔާވެފައި ވަނިކޮށެވެ.
ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ޔާމީން މީޑިޔާއަށް މައުލޫމާތު ދީފައިވާގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.