އއ.މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓު ހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސް ރޯކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރު މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި އެރަށު ބަޔަކު ނުކުމެ ރޭގެ ވަގުތެއްގައި ގެސްޓު ހައުސްއަށް ކަރަންޓު ދޭން ބޭނުންކުރާ އިމާރާތުގައި އަލިފާން ރޯކޮށްފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ޓީޝޫ ކަހަލަ އެއްޗެއްގައި ރޯކޮށްފައި އެތެރެޔަށް އެއްލާލުުމުން އަލިފާން ރޯވީ ކަމަށެވެ.
އެއިމާރާތަކީ ގެސްޓު ހައުސްއަށް ކަރަންޓު ދިނުުމަށް ވަކިން ތައްޔާރުކޮށްފައިވާ ތަނަކަށް ވާތީ އަލިފާނުގެ ސަބަބުން ކަރަންޓު ޝޯޓްވެ މުުޅިއިމާރާތް އަދާ އަޅިޔަށްވީއެވެ.
މުހައްމަދު ޖާބިރު ބުނާގޮތުގައި ގެސްޓު ހައުސްއަށް ކަރަންޓު ދިނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ގެސްޓު ހައުސް ހުޅުވަން ހުރިހާ ތައްޔާރީވެފައި ވަނިކޮށް ހިނގާދިޔަ މިހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އޭނާ ބުުނެފައިވެއެވެ.
މީގެ ދެއަހަރު ކުރިންވެސް ޖާބިރުގެ ގެސްޓު ހައުސްގައި ބަޔަކުު ވަނީ އަލިފާން ރޯކޮށްފައެވެ. އެފަހަރުވެސް ގެސްޓު ހައުސްގެ ކޮޓަރިތައް ވަނީ އަދާފައެވެ.
މިމަހު ހަތަރުވަނަ ދުވަހު ޖާބިރުވަނީ އެރަށު މީހަކު ރަހީނުކުރުމަށްފަހު އަނިޔާކޮށްފައެވެ. އެހެންކަމުން މަތިވެރީ ރައްޔިތުން ދަނީ ޖާބިރުއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.