ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖުނޭދު އޭނަގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެއަންހެން ކުއްޖާ ވަނީ އޭނައާ ދޭތެރޭ ޖުނޭދު ކަންތައްކުރިގޮތް ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ. އޭނާ ބުނާގޮތުގައި ޖުނޭދު ވަނީ އެތައްފަހަރެއްގެ މަތިން އޭނައަށް ޖިންސީ ފުރައްސާރަކޮށްފައެވެ. ވަޒީފާގެ މާހައުލުގައި އުުޅެމުންދިޔައިރު ޖުނެއިދުގެ ފަރާތުން ހިތްހަމަނުޖެހޭ އެތައް ކަމެއް ފެނިފައިވާ ކަމަށާއި އެވާހަކަތައް އެހެން ސްޓާފުން ކައިރީ ދެއްކުމުން އެންމެންވެސް ދިނީ ވަޒީފާއިން ވަކިވުމުގެ ޚިޔާލުކަމަށް އެއަންހެންކުއްޖާ ވަނީ ބުނެފައެވެ.
ވަޒީފާއިން ވަކިވާން ނިންމީ ޖުނޭދުގެ ފުރައްސާރަތައް ދުވަހެއް ދުވަހެއް އިތުރުވަމުން ގޮސް އެއްދުވަހަކު ގަދަކަމުން އޭނަޔާ ކައިރިވާން އުޅުމުން ކަމަށް އެއަންހެންކުއްޖާވަނީ ފޭސްބުކް ޕޯސްޓެއްގައި ކިޔައިދީފައެވެ. އެހެންކަމުން މިމަހު 1 ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން އިސްތިއުފާ ދީފައެވެ.
އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ “އޮންދިގޯ”ގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.