އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތްތަކަކީ ސިޔާސީ ބަޔަކު އޭނަ ބަދުނާމް ކުރަން ރާވައިގެން ކުރާ ކަމެއް ކަމުގައި އިންދިގޯގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.
ޖުނައިދު ވިދާޅުވީ އެއަންހެން ކުއްޖާ އަމިއްލައަށް ވަޒީފާއިން ވަކިވީ ނޫންކަމަށާއި ވަޒީފާއަށް ފަރުވާ ކުޑަވުމާއި، ކުންފުނީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުގެ އިތުރުން ޑިއުޓީއަށް މަކަރުހަދައި ދޮގު ހަދާކަން ކުންފުންޏަށް އެނގިގެން އޭނާ ވަޒީފާއިން ވަކި ކުރީކަމަށެވެ.
ޖުނައިދު އިތުރަށް ވިދާޅުވީ އޭނާއަކީ މީގެ ކުރިންވެސް އަންހެން މުވައްޒަފުން ގެންގުޅުނު މީހެއް ކަމަށާއި މީގެ ކުރިން ދުވަހަކުވެސް މިކަހަލަ އަޑެއްވެސް އަރާފައި ނޯންނާނެ ކަމަށެވެ. އަދި ހެއްކެއް ނެތި ސޯޝަލް މީޑިޔާގައި އޭނަގެ އަބުރު ކަތިލި މައްސަލައިގައި ދައުވާ ކުރާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ.
“ހުވަދޫ”އަށް މައުލޫމާތު ދެއްވަމުން މާއިޝާ އަޝްރަފް ބުނެފައިވަނީ އޭނަގެ ޕޯސްޓުގައި ލިޔެފައި ވަނީ ތެދުވާހަކަތަކެއް ކަމަށާއި މީގެ ކުރިންވެސް އެތާނގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖުނައިދުގެ ފަރާތުން ޖިންސީ ފުރައްސާރަޔާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މާއިޝާގެ ޕޯސްޓުފެނިގެން އެކުއްޖާވެސް މެސެޖްކޮށްފައި އިން ކަމަށާއި އެއަންހެންކުއްޖާ ވަޒީފާއިން ވަކިވީ ހަމަ މިގޮތަށް ޖުނައިދުގެ އުދަގޫ ބޮޑުވެގެން ކަމަށް މާއިޝާ މައުލޫމާތު ދިނެވެ.
މާއިޝާ ބުނާގޮތުން ފުލުހުންނަށް މިޕޯސްޓު ފެނިގެން ފުލުހުން އިސްނަގައިގެން މިމައްސަލަ ބަލަން ފަށާފައިވާ ކަމަށާއި މާދަމާ ބަޔާން ނެގުމަށް ޕޮލިސް ސްޓޭޝަނަށް ދާން އޭނައަށް ވަނީ އަންގާފައެވެ
ޖުނައިދު ވިދާޅުވަނީ މިއީ ސިޔާސީ ބަޔަކު ކުންފުނީގެ އަދި އޭނަގެ އަގު ވައްޓާލަން ރާވައިގެން އެކުއްޖާ ލައްވާ ކުރުވާ ކަމެއް ކަމަށެވެ.