ރާއްޖޭގެ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މިނިމަޖްވޭޖް ބޯޑުން ލަފާދިން އަދަދު ކުޑަކުރުމަށްފަހު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު 4500 ރުފިޔާ ކަނޑައަޅައިފިއެވެ.
ހޮޓެލް ޖެންގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅިގެން ދިޔަކަމުގައިވިޔަސް އެޔަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލު ގެންނަން ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެގޮތުން ބަލާލާއިރު ހަތަރު ކެޓަގެރީއަކުން މިވަނީ މިނިމަމްވޭޖް ކަނޑައަޅާފައެވެ. ކުދި ވިޔަފާރިތަކަށް މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000ރުފިޔާ، އަދި ދައުލަތުގެ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަހަކު 7000 ރުފިޔާ ދޭގޮތަށް މިއަދު ޤަރާރުގައި މިނިސްޓަރު ފައްޔާޒު މިވަނީ ސޮއިކޮށްފައެވެ.
އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިނުވެއެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމްވޭޖްއެއް ކަނދައަޅަންޖެހޭކަމަކަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.