ގދ. ގައްދޫ ސިއްޚީ މަރުކަޒަށް 29 އަހަރު ފުރުން ފާހަގަ ކުރުމަށް ކުލަގަދަ ޙަފްލާ އެއް ބާއްވައި ފިއެވެ.
ރޭ ގައްދޫ ޕޮލި ޓެކްނިކް ހޯލް (ކުރިން ސްކޫލް ހިންގި އިމާރާތް) ގައި ކުރިޔަށް ދިޔަ ހަފްލާ ގައި ސިއްހީ މަރުކަޒުގެ އެހާރާއި މިހާރުގެ މުވައްޒަފުންގެ ޚިދުމަތުގެ ފާހަގަ ކުރުމުގެ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްކުމުގެ އިތުރުން ކޮވިޑް-19 ގެ ޙާލަތުން ނަފްސާނީ އަދި ސިއްހީ ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ގައްދޫ ސިއްޚީ މަރުކަޒުން ހިންގާފައިވާ މުބާރާތް ތަކުގެ ނަތީޖާ ފާޅުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ރޭގެ ޙަފްލާގައި ނަތީއްޖާ ފާޅު ކުރި މުބާރާތް ތަކުގެ ބައިވެރިންނާއި އޮފިޝަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
މީގެ އިތުރުން އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިޔައީ ހަރަކާތްތަކަށް ސްޕޮންސަރ ދިން ފަރާތް ތަކަށް ވެސް ވަނީ އެކަން ފާހަގަ ކޮށް ހަނދާނީ ލިޔުން ދީފައެވެ.
މުވައްޒަފުންގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިޔަ މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ގއ ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް އަހުމަދު ވިދާޅުވީ ފާއިތުވި އޮނަތިރީސް އަހަރުގެ ތެރޭގައި ގދ ގައްދޫ ސިއްޚީ މަރުކަޒުން ވަނީ ސިއްޙީ ޚިދުމަތް ދިނުމުގައި ބޮޑެތި ކާމިޔާބީ ތައް ހަދާފައި ކަމަށާއި މިއަދު އެކަން ފެންނަމުން ދާ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން މުޅި ހުވަދު އަތޮޅަށް ވެސް ވަނީ މިއިން ޒަމާނެއްގައި ވެސް ނައަންނަ ފަދަ ބޮޑު ކުރިއެރުން ތަކެއް އަތޮޅު ސިއްހީ ދާއިރާ އަށް ގެނެސްފައި ކަމަށާއި އެގޮތުން މީގެ ކުރިން އެތައް ދުވަހެއް ވަންދެން ކިއު ޖެހިގެން ހަދަމުން ދިޔަ ބައެއް ޚިދުމަތްތައް މިހާރު އަތޮޅުން ލިބޭ ކަމަށް ފާހަގަ ކުރެއްވިއެވެ.
ރޭގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ގައްދޫ ސިއްޚީ މަރުކަޒު ހިންގެވުމާއި ޙަވާލުވެ ހުންނެވި ސީނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފާތުމަތު މޫސާ ވިދާޅުވީ ގައްދޫ ސިއްޚީ މަރުކަޒު މިއަދު ހޯދާފައިވާ ކުރި އެރުމުގެ އެންމެ ބޮޑު ޙިއްސާއަކީ ހިތްވަރާއި އެކު މުވައްޒަފުން ކުރި ބުރަ މަސައްކަތް ކަން ފެންނަން އެބަހުރި ކަމަށާއި ދުވަހެއް ދުވަހަކަށް އިތުރު ކުރިއެރުން ހޯދަން މަސައްކަތް ކުރުން ހުއްޓާ ނުލުމަށެވެ. ފާތުމަތު މޫސާ އިތުރަށް ވާހަކަ ދައްކަމުން ވަނީ މާޒީގައި ސިއްހީ މަރުކަޒު ހިނގާފައި ގޮތަށް ޢަލިއަޅުވާ އެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ގައްދޫގެ ގިނަ ބަޔަކު ހާޒިރުވި ރޭގެ ހަފްލާ ނިންމާލުމުގެ ކުރިންވަނީ އަހަރީ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ފަންޑު ހޯދުމުގެ ކުރިޔަށް ގެންދިޔަ ކޫޕަން ވިއްކުމުގެ ހަރަކާތުގައި ބައިވެރިވެ ކޫޕަންގެ ގުރުއަތުލުން ބާއްވާ, ހޮވުނުފަރާތައް 5000 ރުފިޔާގެ ހަދިޔާ ޕޭޖް ހަވާލު ކޮށްފައެވެ.
ގއ ގެ ބައެއް ސިއްހީ މަރުކަޒު ތަކުގެ ވެރިންނާއި ޕޮލިސް އަތޮޅު ކޮމާންޑަރ ގެ އިތުރުން ގައްދޫ އެކި އެކި މުވައްސަަސާ ތަކުގެ ވެރިންނާ އީ ޑަބްލިއު ޑީ ސީ އާއި ގިނަ އާންމުން ބައިވެރިވި ރޭގެ ޙަފްލާ ނިންމާލީ ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ބޭއްވި ޚާއްސަ ދިވެހި ޖާފަތަކުންނެވެ.
ގައްދޫ ސިއްޚީ މަރުކަޒުގެ ޚިދުމަތް ދޭން ފެށިީ 6 ނޮވެމްބަރު 1992 އަހަރުއެވެ.
ރަނާމަލާ. ޞިއްޙީ — ސިއްޚީ އެކެ ނުން