އަސްކަރީ މަތިންދާ ބޯޑު ދުއްވުމުގައި، ދިވެހި ސިފައިންގެ ދެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެގޮތުން މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ވަނީ ހަވާލުކޮށްދީފައެވެ. ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. އިންޑިއާގެ އާމްޑް ފޯސް އިން ތަމްރީން ހެދި ދެ ޕައިލެޓުންނަކީ ފަސްޓް ލެފްޓިނެޓް އިބްރާހިމް ޝަރީފް އަދި ލެފްޓިނެޓް އަހުމަދު އަލީއެވެ.
އެމްއެންޑީއެފުން ބުނީ، ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެގޮތުން ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި، ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ވަކިން ހާއްސަގޮތެއްގައި މެޑިކަލް އިވެކުއޭޝަން ތަކަށް އޭރިއާތަކުގައި އެއާކްރާފްޓް ބޭނުން ކުރަން ފަށައި، އެމްއެންޑީއެފްގެ ޕައިލެޓުން އެއާކްރާފްޓް ތަކުގައި މަސައްކަތް ކުރަން ފެށުން އެއީ މިދާއިރާއިން ލިބުނު އަގު ނުކުރެވޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
A historic moment as MNDF pilots take to the skies for the first time in the Military Dornier Aircraft.
We extend our sincere thanks to the Indian armed forces for training our pilots in such useful & versatile aerial platforms. pic.twitter.com/LGPEUhsmY4
— Maj. Gen. Abdulla Shamaal (@CDFofMNDF) November 9, 2021
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. މި ޕައިލެޓުން ތަމްރީންކޮށްދިން އިންޑިއާގެ ސިފައިންނަށް ޝަމާލް ވަނީ ޝުކުރު އާދަކުރައްވައިފައެވެ.
ސިފައިންގެ އެކިއެކި އޮޕްރޭޝަންތަކުގައި ބޭނުންކުރަމުންދާ ޑޯނިއާ މަތިންދާބޯޓު މީގެ ކުރިން ދުއްވަމުން އައީ އިންޑީއާ ސިފައިންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ބަލި މީހުން އުފުލުމާއި ކޯސްޓްގާޑުގެ އެކި ބޭނުންތަކަށް މި މަތިންދާބޯޓު އަންނަނީ ބޭނުންކުރަމުންނެވެ.