އިންޑިޔާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ އައިސީޔޫގައި ތިބި 4 ކުޑަކުދިން މަރުވެއްޖެއެވެ.
ރިޕޯޓްތަކުގައި ބުނާގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގޯޕާލް ސިޓީގެ ކަމަލާ ނެހްރޫ ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫގައެވެ.
ރޭ އިރާކޮޅު ހިނގާދިޔަ މިހާދިސާގައި އައިސީޔޫގައި ފަރުވާދެމުންދިޔަ 40 ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު ވަނީ މަރުވެފައެވެ. އެހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނާގޮތުގައި އަލިފާން ރޯވުމާއެކު އެކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފެށުނު ކަމަށާއި އެހެންނަމަވެސް ވަރަށް ހާލުދެރަ ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު މަރުވީ ކަމަށެވެ. އަދި ސަލާމަތްކުރި ކުޑަކުދިންގެ ތެރެއިން ގިނަ ކުދިންނަށް ސީރިޔަސް އަނިޔާތައް ލިބި ގައިގެ ތަންތަން ފިހިފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް އިންޑިއާގެ މަހާރާޝްޓްރާގެ އަހްމަދްނަގަރްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައިވެސް ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 11 މީހަކު ވަނީ މަރުވެފައެވެ.
މިހާދިސާތަކުގެ ތަހުޤީގު އިންޑިޔާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.