ލޭގެ ޕްރެޝަރު މަތިވުމަކީ ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލައެކެވެ.
ލޭގެ ޕްރެޝަރު މާބޮޑަށް މަތިވެއްޖެނަމަ، ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުން ފަދަ އެތައް މައްސަލައެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ދަށް ކުރުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. މި ލިޔުމުގައި މި ހިމަނާލަނީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
ކަސްރަތު ކުރުން: ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައިވެސް ގަވާއިދުން ކަސްރަތު ކުރުމުގެ މުހިންމުކަން ބޮޑެވެ.
ސޯޑިއަމް މަދުކުރުން: ގިނަ ދިރާސާތަކުން ހާމަވާ ގޮތުގައި، ހަށިގަނޑަށް ސޯޑިއަމް އެތެރެ ކުރުން ގިނަ ކުރުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ. ލޭގެ ޕްރެޝަރު ދަށް ކުރުމަށް ނޫނަސް، ލޮނު ގިނަ، އަދި ތައްޔާރީ ކާނާ ގިނައިން ކެއުމަކީ ސިއްހަތަށް ގެއްލުން ދެނިވި ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ޕޮޓޭސިއަމް ހިމެނޭ ކާނާ ކެއުން އިތުރު ކުރުން: ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ދިމާވާ މީހުންނަށް ޕޮޓޭސިއަމް ގިނަ ކާނާ ކެއުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އެގޮތުން ފެހިކަން ގަދަ ފަތާއި، މެލަން، ދޮންކެޔޮ، އެވޮކާޑޯ، އަލުވި، ޓޮމާޓޯ އަދި ޔޯގަޓް ހިމެނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްވެސް ހާލެއްގައި ތިބާގެ ސިއްހަތަށް ފައިދާއެއް ލިބޭނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލައެއް ދިމާވާނަމަ، މިކަން އަވަހަށް ހުއްޓައިލުން ބުއްދިވެރިއެެވެ.