ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ކިބައިގައި ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ގެ ނަގާ ވާހަކަ ރޮޒައިނާ ދެއްކުމުން އޭގެން އެގިގެންދަނީ ރޮޒައިނާގެ ލަދު ހަޔާތެއް ނެތް ކަމަށާއި ޔާމީންގެ ސަރުކާރުގައި ބައެއް ޤާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަށާއި އަދި ބައެއް މީހުން ބޭރުކުރުމަށާއި އެތެކުރުމަށް ނެގި ވޯޓްތަކުގައި ރޮޒެއިނާ އެމްޑީޕީގެ ވިޕްތަކާއި ހިލާފަށް ވޯޓް ދީފައިވާ ކަމަށެވެ.
މިކަން މިހެން އޮތުމުން ރޮޒައިނާ ވާހަކަ ގިނަކުރަން އުޅެންޏާ އަޑުއަހަން ހިމޭނުން ނުތިބޭނެ ކަމަށާއި މާ ވާހަކަ ގިނަވަންޏާ ފަޟީހަތް ކޮށްލާނެކަމަށްބުނެ ޓޮމް ވަނީ ރޮޒައިނާއަށް އިންޒާރުދީފައެވެ. މިވާހަކަތަކަށް ރޮޒައިނާ އެއްވެސް ރައްދެއް ދީފައިނުވެއެވެ.
އިއްޔެ ރައްޔިތުންގެ މަޖުލީހުގައި ބޭއްވުނު ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ތަށިމުށި ޖެހުމަށް ފައިސާ ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލަން ފެންނަ ކަމަށެވެ.
އެހެންކަމުން މިއަދު ރައްޔިތުންގެ މަޖުލީހުގައި ކުރިޔަށްދިޔަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ބަޖެޓް ބަހުސްގެ ކުރިން ޓޮމް ވަނީ ޔާމީންގެ ގެކޮޅު ވިއްކާލަން ގޮވާލުމާއި ގުޅިގެން ރޮޒައިނާއަށް ބަހުގެ ހަމަލާތައް ފޮނުވާފައެވެ.