ޚަބަރު
މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބަލަން ހުށަހަޅައިފި

ގއ މާމެންދޫ ކައުންސިލްގެ ނައިބުރައީސް މިސްބާހު މުޖުތަބާގެ އިތުބާރު ނެތްކަމާމެދު މަޝްވަރާ ކޮށް ގޮތެއް ނިންމުމަށް މާމެންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 14 ވަނަ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފިއެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މާމެންދޫ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި، ކައުންސިލްގެ ނައިބު ރައީސް މިސްބާޙު މުޖުތަބާއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތަށް ފުރިހަމަ އަށް އަދާނުކުރެވޭތީ، ބައެއް މަސްއޫލިއްޔަތުތައް ކައުންސިލްގެ އެހެން މެންބަރުންނާ ހަވާލުކުރުމާއި ގުޅިގެން ކައުންސިލް ބަދުނާމުވާ ގޮތަށް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕޯސްޓުކުރަމުން އަންނާތީ، މިފަދަ ކަންތައް ހުއްޓާލުމަށް ނަސޭހަތްތެރިވުމުންވެސް ހުއްޓާލާފައިނުވާތީ އާއި، 08 ނޮވެމްބަރު 2021 ވަނަ ދުވަހު ނައިބު ރައީސްގެ އާއިލީ ބަޔަކާއި ގާތް ރައްޓެހި ބަޔަކު އެ އިދާރާގެ ތެރެއަށް ވެދެގަނެފައިވުމާއި، ރަށުތެރެ ހަލަބޮލި ކުރުމަށް ހިތްވަރު ދެމުންދާތީ، ކައުންސިލްގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެޖެންޑާ ކުރެވިފައިވެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާޙް މުޖުތަބާ ވިދާޅުވީ، އޭނާ ބޭއްވި މުޒާހަރާއެއް ނޫން ކަމަށާއި، ރަށުގެ ޒުވާނުންތަކެއް ބޭއްވި މުޒާހަރާއެއް ކަމަށެވެ. އަދި މުޒާހަރާ ބޭއްވި ދުވަހު ސުލްހަވެރިކަމާއެކު ރައީސް އާއި އަޅުގަނޑުމެންނާއި ދޭތެރޭ ގިނަ ކަންތައްތަކަކަށް އެއްބަސް ވެވުނު ކަމަށެވެ.

އަދި ނައިބު ރައީސް ކަމުން އޭނާ ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް މިސްބާހު ވިދާޅުވިއެވެ.

“އަބަދުވެސް އޭރުވެސް މިހާރުވެސް އަދި މާދަމާވެސް ހުންނާނީ ރައްޔިތުންގެ ދިފާއުގަ. ކުރި ވައުދުތަކާއި ދެއްކި ވާހަކަތަކުގެ މަތީ ހެޔޮ ވެރިކަމެއް ކޮށް ރަނގަޅު ބަދަލުތަކެއް ރަށަށް ގެންނަން.” މިސްބާހު ވިދާޅުވިއެވެ.

މިއަދުގެ އެޖެންޑާގައި މިމަހުގެ 8 ވަނަ ދުވަހު އެރަށުގެ ޒުވާނުންތަކެއް ނުކުމެ ކައުންސިލް ކުރިމަތީގައި ކުރި މިޒާހަރާއާ ގުޅިގެން، އެރަށުގެ ޒުވާނެއް ކަމަށްވާ ޔަޒީދު އަޙްމަދު ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތަކެއް ހިފައިގެން ޒުވާނުންގެ ތެރެއިން ބަޔަކާއެކު އެއިދާރާގެ ތެރެއަށް ވަދެފައިވާތީ އެކަން އެލްޖީއޭގެ ސަމާލުކަން ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްވެސް ހިމަނާފައިވެއެވެ.

މިކަމާ ގުޅިގެން ހުވަދޫ ނިއުސް އިން ޔަޒީދު އަށް ގުޅާލުމުން ބުނީ، ކައުންސިލްގެ ރައީސްގެ ހުދުމުޚްތާރުކަމާ ދެކޮޅަށް ޒުވާނުން މުޒާހަރާއެއް ބޭއްވި ކަމަށާއި، އެ މުޒާހަރާ ކޮއްފައިވަނީ ގާނޫނީ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން އަދި ޕޮލިހުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. މުޒާހަރާގެ ހިގާލުން މާމެންދޫ އޮފީހާ ހިސާބަށް ގޮސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ބައިވެރިން އޮފީހަށް ވަދެ، ރިސިޕްޝަނުގައި ކައުންސިލުގެ ރައީސް އަދި މެންބަރުންނާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ދެންނެވުމުން ކައުންސިލްގެ ރައީސް ނުކުމެ މުޒާހަރާގެ ބައިވެރިންނަށް ބައްދަލުވުން އޮފީހުން ބޭރުގައި ބާއްވަން އެދުމުން އެގޮތަށް އަމަލުކޮށް ބައްދަލުވުން ބޭއްވީ ބެލެނެވެރިންގެ ހިޔާގައި ކަމަށާއި، އެ ބައްދަލުވުމުގައި ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކެއް ރައީސް އަޙްމަދު އަޒީޒާއި އަދި ކައުންސިލް މެންބަރުންނާއި ހިއްސާކުރެވުނުކަމާއި ގިނަ ސުވާލުތަކާއި ޝަކުވާތަށް ޒުވާނުން ހުށެހެޅިކާމާއި އަދި ހުދުމުޚްތާރުކޮށް ވެރިކަން ނުކުރުމާއި، އަސާސެއް ނެތް ކަމެއްގެ މައްޗަށް ނައިބްރައީސްގެ އިދާރީ ޒިންމާތަށް އަތުލިކަން ކުއްވެރި ކުރުމާއި، 312000ރ ގެ ޕިކަޕް ގަތުމުގައި ކޮރަޕްޝަން ކަމަށް ލަފާވާ ކަންކަން ހުރުމުން އެކަމުގެ ޝަކުވާއާއި ގަވާއިދާ ހިލާފަށް ފުޓްބޯޅަ ދަޑުގެ ޗޭންޖިން ރޫމް ކުއްޔަށްދީފައިވާތީ އާއި ރައީސްގެ މެނިފެސްޓޯ އިން އެއްވެސް މިންވަރެއް އަދާހަމައަށް ހާސިލް ވެފައި ނުވާތީ އެކަންކަން އިސްލާހު ކުރަން ޒުވާނުން ރައީސް އަދި މެންބަރުންނަށް ނަސޭހަތް ދިން ކަމުގައި ޔަޒީދު ބުންޏެވެ.

މުޒާހަރާއާއި ނުގުޅޭ ރައީސް ގެ ދިފާއުގައި ކަމަށް ބެލެވޭ ބަޔަކު އައިސް އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމުން މުޒާހަރާގެ އިސްކޮށް އުޅުނު ބައިވެރިންނާއި ކައުންސިލްގެ ރައީސް އަޙްމަދު އަޒީޒާއި، ކައުންސިލް މެންބަރުންނާއި ކައުންސިލްގެ އިސްވެރިންނާއި އަދި ފުލުހުންނާއެކު މަޝްވަރާތަކާއި ނަސޭހަތްތައް ކުރިޔަށް ގެންދިޔައީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ކަމާއި އެ މީޓިން ގައި ރައީސް އަޙްމަދު އަޒީޒް އަށް ޒުވާނުން ބޮލުގައި ރަށުގައި ކުރާ ކުށްތަކުގެ އިލްޒާމު ނޭޅުމަށް ނަސޭހަތްތެރިވެ އަދި ގަވާއިދާ ހިލާފަށް އިއުލާން ކުރުމެއްނެތި ވަކި ފަރާތަކަށް މަންފާވާ ގޮތަށް 8 މަސްދުވަހަށް ދީފައިވާ ޗޭންޖިންރޫމް އަތުލުމަށް ފަހު ޒުވާނުންނަށް ބޭނުން ކުރެވޭނޭހެން ބެއްޓުމަށާއި އަދި އެކުލުންތެރިކަމާއެކު ޒުވާނުންނާއި ގުޅިގެން ކައުންސިލް ހިންގަން މަސައްކަތް ކުރުމާއި، ރައީސް އަދި މެޖޯރިޓީ މެންބަރުންގެ މެނިފެސްޓޯ (މިނިވަން 5 މެނިފެސްޓޯ) އިން އެއްވެސް ވަރެއް ހާސިލްވެފައި ނުވަނީ ކީއްވެތޯއާއި އަދި ޒުވާނުންނަށް ކުރި ވައުދުތައް ފުއްދަވަން ފެއްޓެވުމަށް އެ މީޓިންގައި ނަސޭހަތްތެރި ވި ކަމަށް ޔަޒީދު ފާހަގަކުރިއެވެ. އޭގެ އިތުރުން ރަށް ގިރުމުގެ މައްސަލާއިގައި ކައުންސިލުގެ އަޑު ގަދަކޮށް އަވަސް ހައްލެއް ހޯއްދަވަން ހަރުދަނާ ފިޔަވަޅު އަޅުއްވަން މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ކުރީގެ ގާޒީ ޝުކޫރު އެ މީޓިންގައި ދެންނެވިއެވެ.

“ގއ. މާމެންދޫ ތާރީހުގައި އަލަށް ޒުވާނުންތަކެއް ނުކުމެ ކައުންސިލް ރައީސްއަށް ނަސޭހަތްދިން ފުރަތަމަ ފަހަރުކަމުގައި މި ފަހަރު ވުމާއި، ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު އިތުރު ވަމުންދާ ކަމީ ޑިމޮކްރަސީ އަށް ލިބޭ ކުރިއެރުމެއްކަމާއި ގިނަ ހިޔާލުތަކާއެކު އެކުލުންތެރި ރަށު ސަރުކާރެއް މަސައްކަތް ކުރާނެ ފުރުސަތު ކައުންސިލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނަމަވެސް ކައުންސިލްގެ ރައީސް އަޅުގަނޑުމެންގެ ނަސޭހަތާއި ކުރި މަޝްވަރާތައް ބަލައި ނުގަންނަ މަންޒަރު އަހަރުމެންނަށް މި ފެންނަނީ. މި އަދު ބަންދު ދުވަހެއްގައި މި ބާއްވާ ކައުންސިލްގެ ޖަލްސާ ގައި ހިޔާލު ފާޅުކުރީތީ އެކަމާ ކައުންސިލް ރައީސް ހިތްޕުޅާ ނުވެގެން އަޅުގަނޑަށް ފިޔަވަޅު އަޅަން އަޅުގަޑާ ނުވެސް ގުޅޭ ފަރާތަކަށް މައްސަލަ ހުށަހަޅަން ދަނީ ލޮބީ ކުރަމުން. މިއީ ވަރަށް ދެރަކަމެއް!. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާއިރު މާމެންދޫގައި އެ ކަންކަން ހުއްޓުވަން ކައުންސިލް ރައީސް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ރޫހާވެސް ހިލާފު ފިޑި އަމަލެއް.” – ޔަޒީދު ބުންޏެވެ.

މާމެންދޫ ރައްޔިތުންނަކީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ތިބި ބައެއް ކަމަށާއި، ހާއްސަކޮށް ޒުވާނުން ގާނޫނީ ހުދޫދުގެ ތެރެއިން ޚިޔާލު ފާޅުކުރާނެ ކަމާއި އިސްލާހަށް މަސައްކަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނެ ކަމާއި، މިކަމަކީ ކައުންސިލްގެ ރައީސް ގާނޫނާއި ޚިލާފަށް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ކުރަމުންދާ ޒާތީ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށްވެސް ޔަޒީދު ބުންޏެވެ.

Comment

  1. ކިޔުންތެރިޔާ

    ކަައުންސިލްގެ ރަައީސަކީ ހަޖަމްކުރަންް ދަންނަ ބޭފުޅެއް ނޫނެވެ. ރައްޔިތުން އެބޭފުޅުން އިންތިޙާބު ކޮއްފަ ތިބެނީ ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރަން. ނަމަވެސް ކައުންސިލްގެ ރައީސްގެ ފަރާތުން އެކަމެއް ނުފެންނަ ކަމީ ހިތާމަ ކުރާ ކަމެއް.

  2. ޒުވާނާ

    މި ލިޔުމުގައި ޒުވާނުން ކޮޅަށް އެއްކޮށް ކަހަލަ ގޮތަކަށް ލިޔުން ލިޔެ ނިންމާފަ މިވަނީ. ޒުވާނުން ދަންވަރު ހޭލާތިބެ ކައުންސިލުން ހަދަމުން ދާ މައިޒާންތަކަށާއި ވިޔަފާރި ވެރިންގެ ހިޔާ ފަދަ ތަންތަނަށް ބޮޑެތި ގެއްލުންދީ ކަޅުތެޔޮ ޖަހާ ރަށުގެ ބޮޑުމަގު ގައި ކައުންސިލުން އިންދާފައިވާ ސަތޭކަ އެއްހާ ރުއް ވަނީ ކަނޑާ ބިމާ ހަމަކޮށްފަ އަދި ބޭރު ޖެޓީގަ އަޅާފަ އިން ނަމުގެ އަކުރު ތަކެއް ވެސް ވަނީ ބިންދާލާފަ.