ޖެންޑަރ މިނިސްޓްރީގެ ދަށުން ކުޑަކުދިންގެ ހިޔާގައި ގެންގުޅޭ ކުޑަކުދިންތަކެއް ބިޑި އަޅުވާ ޓޯޗާރގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި 13 ފުލުހަކަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ ހިޔާގައި ތިބި ކުދިންތަކެއް ބިޑިއަޅުވައި އަނިޔާގެ މިފަދަ އަމަލެއްގައި އަމަލީ ގޮތުން ބައިވެރިވި 13 ފުލުހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށާއި އެފުލުހުންނާއި ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ.
އެގޮތުން ދައުވާ ކުރަން ހުށަހަޅާފައިވާ ފުލުހުންނަކީ:
ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)،
އަފްސާނާ އަބްދުލްވައްހާބު (ސާވިސް ނަންބަރު 3714)،
އައިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)،
އާދިލް އަލީ (ސާވިސް ނަންބަރު 2763)،
އިކުލީލު ޖަވާދު (ސާވިސް ނަންބަރު 4141)،
ޝަނާޒު އަހްމަދު (ސާވިސް ނަންބަރު 1864)،
ހަސަން ނާފިއު (ސާވިސް ނަންބަރު 4442)،
އާދަމް ނަސީމް (ސާވިސް ނަންބަރު 2083)،
ސާމް އުމަރު (ސާވިސް ނަންބަރު 2590)،
އަހްމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)،
އިސްމާއިލް ރަފީއު (ސާވިސް ނަންބަރު 1676)،
ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)،
އަބްދުލްބާރީ އަހްމަދު (ސާވިސް ނަންބަރު 3600)އެވެ.
ޝަމީމް ވިދާޅުވީ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނަކީ ދައުލަތުން ޚާއްޞަ ހިމާޔަތެއް ދީގެން ގެންގުޅެންޖެހޭ ކުދިން ތަކެއް ކަމަށާއި އެފަދަ އަނިޔާވެރި އަމަލެއް ހިންގުމަކީވެސް ކުށެއް ކަމަށެވެ.
ފުލުހުންގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުއަށްވެސް މިމައްސަލައިގައި ދައުވާކުރަން ވަނީ ފޮނުވާފައެވެ.