މިއަދު އިޤްތިޞާދު މިފެންނަނީ، އަލުން އިޔާދަ ނުކުރެވޭ ވަރަށް ދާތަންކަމަށާއި އިޤްތިޞާދު ރަނގަޅު ކުރުމަށް މިސްރާބު ރަނގަޅު ކުރަން ޖެހޭކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ބަހުސްގައި ގައްސާން ވަނީ ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާމުން ޣައްސާން ވިދާޅުވީ މިހާރު ދަރަނިތައް އޮތް މިންވަރާއި، ކުރިން ހުރި ދަރަނިތައް ނުދައްކައި މަޑު ޖެއްސުމުން ދަރަނިތައް ދެއްކުމަށް، ބޮޑު އިންޓަރެސްޓުގައި ލީނުތައް ނަގައި އިތުރަށް ދަރަނިވެރިވާކަމީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.
މިއަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުން އިތުރަށް ޚަރަދުވެ ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާގެ ބެޖެތެއް ހުށަހަޅާފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި މިހާރު ދައުލަތުގެ ޖީޑީޕީގެ ނިސްބަތް ހުރި މިންވަރަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަ ނުކުރެވޭ ހިސާބަށް ގޮސްދާނެކަމުގެ ބިރު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅަމުން ވިދާޅުވި ޖީޑީޕީއަށް ދަރަނި ޖެހޭ ނިސްބަތް އޮތީ، 2018 ވަނަ އަހަރު ނޮވެންބަރު 50 ޕަސެންޓްގައޭ. އަދި މިހާރު މިއަދަދު އޮތީ 122 ޕަސެންޓުގައިކަމަށް. މިއީ ވަރަށް ބޮޑު ތަނުން އިތުރުވުމެއް. މިކަމާއި ކަންބޮޑުވުން އޮތް ހާލަތުގައި، މިއަހަރުގެ ބަޖެޓް ހުސްވެގެން 2.2 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް އޮތީ ހުށަހަޅާފަ. މިއަދު އިޤްތިޞާދު މިފެންނަނީ، އަލުން އިޔާދަ ނުކުރެވޭ ވަރަށް ދާތަން.
– ޣައްސާން މައުމޫން
ޣައްސާން ވަނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރާ ޓުވަރިޒަމްގެ ދާއިރާގެ ހިސާބުތައްވެސް އެއްވެސް އަމާޒެއް ނެތި އަދަދުތަކެއް ޖަހާފައިވާކަމީ ވިސްނަން ޖެހޭކަމެއްކަމަށެވެ. އަދި މިއީ ކޮމެޓީ މަރުހަލާގައި ބަދަލުތަކެއް އަންނަންޖެހޭ ކަންތައްތަކެއްކަމަށް ޣައްސާން ވަނީ ފާހަގަ ކުރައްވާފައެވެ.