2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފި ކަމަށް ރިޕޯޓު ތަކުން ދައްކައިފިއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ އެމަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ،ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %155.7 އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ އޮކްޓޯމަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %39.2 އިތުރު އަދަދެކެވެ.
ނިމިދިޔަ އަހަރުގެ އޮކްޓޫބަރާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %58.4 ނުވަތަ 584.86 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %11.8 ނުވަތަ 117.96މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (%5.7)، އެއަރޕޯޓްޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (%5.0) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ (%12.6) ލިބިފައިވެއެވެ.