ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ގާނޫނުން ކަނޑައަޅާފައިވާ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް ލިސްޓް ކުރެވޭ ގޮތަށް އިންތިހާބީ ދާއިރާތަކުގެ ނަން ކަނޑައެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެބިލު މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މި އިސްލާހަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. މިބިލު ދިރާސާ ކުރުމަށް މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ފަހަރުވެސް ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މިބިލު ހުށަހެޅުއްވި ސަބަބަބު ހާމަ ކުރައްވަމުން މެމްބަރު ސަލީމް މަޖްލިހުގައި ވިދާޅުވީ, މީހުން އުޅޭ ކޮންމެ ރަށަކީ ސިޔާސީ ގޮތުން ސަމާލުކަން ދޭން ޖެހޭނެ ރަށެއް ކަމަށާއި ސަރުކާރުގެ ދަފުތަރުގައި ހިމެނޭ ކޮންމެ ރަށަކީ ސަމާލުކަން ލިބެން ޖެހޭ ރަށަކަށް ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން އިދާރީ ދާއިރާތަކުގެ ނަން ބޭނުން ކުރެވެނީ, އެ ދާއިރާއެއްގައި އޮންނަ އެންމެ ބޮޑު އާބާދީއެއް, ނުވަތަ ސިޓީއެއްގެ އަވަށްތަކުގެ ނަން ޝާމިލުވާ ގޮތަށް އެކަނި ކަމަށެވެ.
ބިލުގެ މަސައްކަތް މިދިޔަ ހަފުތާގައި ކޮމިޓީން ނިންމައި އަނެއްކާވެސް ބިލު މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ މިއީ ފާސްކުރަން ފެންނަ ބިލެއް ނޫން ކަމަށް ކޮމިޓީން ފާސްކުރުމަށްފަހުގައެވެ.