ޚަބަރު
ހުސްވެފައިވާ އޮޑިޓާރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަން ކުރަށްވައިފި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފާ، ހުސައިން ނިޔާޒީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮޑިޓާރ ޖެނެރަލް މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދް ސޯލިހެވެ. މި ލިޔުން ހަވާލު ކޮށްދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ‏ ޙުސައިން ނިޔާޒީ ‏ވަނީ ކުރައްވާފައެވެ.

ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.

ހުސައިން ނިޔާޒީ މިމަގާމަށް އައްޔަން ކުރެވުނީ ކުރިން މި މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުގައި އޮތުމުން އޭނާ އަމިއްލައަށް އެމަގާމުން އިސްތިއުފާދީފައިވާތިއެވެ.

ޙުސައިން ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް މީގެކުރިން ފުރުއްވާފައިވާ، މިދާއިރާގައި ތަޖުރިބާ ހުރި ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަޤާމުވެސް ހިމެނެއެވެ.

 

Comment