ފެނަކައިގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވަގުތުން ބިލު ހަވާލުކުރެވޭ ޚިދުމަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައާރަފްކޮށްފިއެވެ.
ގދ.ފަރެސްމާތޮޑާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިޚިދުމަތް ތައާރަފް ކުރަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ މިޚިދުމަތުގެ ތެރެއިން ބިލުތަކުގައި ދިމާވާ މައްސަލަތައް ފާހަނގަކުރަން ފަސޭހަވެ ކަސްޓަމަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށާއި ބިލުގައި އެއްވެސް މައްސަލައެއް ފާހަނގަ ކުރެވޭނަމަ އެމައްސަލަ ހައްލުކުރުމުގައި ފެނަކައިގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމުގައިވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިން ނެގުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތައް އެމީހާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ވަގުތުން ލިބޭނެ ކަމަށާއި، ބިލު ވަގުތުން ލިބުމާއެކު “ފެނަކަ ބިލް ޕޭ” އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މިޚިދުމަތުގެ ސަބަބުން ބިލްތައް ޕްރިންޓް ކުރުމަށް ދާ ޚަރަދުތައް އެތައް ގުނައަކަށް ކުޑަކުރެވިގެންދާނެއެވެ. އަދި ރީޑިން ޑިވައިސް މެދުވެރިކޮށް ނެގޭ ބިލުތަކަކީ ތާމަލް ޕްރިންޓް ކުރެވޭ ބިލުތަކެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވަޑައިގެންނެވިއެވެ.