ފަރެސްމާތޮޑާގައި ކޮވިޑްގެ ކޭސްތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ދެމިނިސްޓަރަކާއި ފެނަކަ އެމްޑީ ކުޅިވަރު ހަރަކާތްތަކެއް ބޭއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ނައިބުރައީސް ނަސްރުﷲ މުހައްމަދު މިއަދު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގދ. ފަރެސްމާތޮޑާ އިން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން 6 ނޮވެމްބަރ 2021 ން ފެށިގެން ފަރެސްމާތޮޑާގައި ވަނީ ކުޅިވަރު ކުޅުމާއި، އާންމު ހަރަކާތްތައް ހިންގުމާއި، އެކިއެކި ހަފްލާ ތަކާއި ޖަލްސާތައް ބޭއްވުން މާނާ ކޮށް އެކަން އާންމު ކޮށް އިއުލާން ކޮށްފައި ކަމަށާއި، މިކަންކަން އިއުލާން ކުރީ ފަރެސްމާތޮޑާ ޓާސްކްފޯސްއިން މަޝްވަރާ ކުރުމަށްފަހު މިގޮތައް ނިންމުމުން ކަމަށެވެ.
އަދި މިގޮތުގެ މަތިން މިއަދާއި ހަމަޔަށް އަމަލު ކުރަމުން ދަނިކޮށް ކައުންސިލަށް އެއްވެސް ވަރަކަށް އެންގުމެއް ނެތި މާލެއިން ގިނަ އަދަދެއްގެ ބަޔަކާއި އެކު 12 ނޮވެމްބަރ 2021 ވަނަ ދުވަހު ފަރެސްމާތޮޑާ އަށް ވަނީ 2 މިނިސްޓަރަކާއި ފެނަކައިގެ އެމްޑީ ވަޑައިގެންފައިވާ ކަމަށާއި، އެއަށްފަހު ފެނައިގެ ފަރާތުން ކައުންސިލަށް، މިހާރުވެސް ހަދަމުންދާ އަދި ނުނިމި ހުރި ފަރެސްމާތޮޑާ ނޭޗަރ ޕާކްގައި ބޮޑު އިވެންޓެއް ފެނަކައިން ކުރިޔަށް ގެންދަން ނިނަމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އަދި އިއްޔެ ހަވީރު 4:00 އަށް ހުރިހާ ކައުންސިލަރުން އެ އިވެންޓުގައި ބައިވެރިވުމަށް ދައުވަތު އެރުވި ކަމަށާއި، ނަމަވެސް ކައުންސިލުން މިހާލަތާއި ގުޅިގެން އިވެންޓުތައް ކުރިޔަށް ގެންދިޔުން މަނާކޮށް އެކަން އާންމުކޮށް އިއުލާން ކޮށް އަދި ހުރިހާ ޕާކްތަކާއި މައިދާން ތަކެއް ބަންދު ކޮށްފައި އޮއްވައި މިފަދަ ހަރަކާތެއް ފެނަކައިން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރާތީވެ ކައުންސިލުން މިއިވެންޓްގައި ބައިވެރި ނުވާން ނިންމީ ކަމަށެވެ.
“ނަމަވެސް ފެނަކައިން ފަރެސްމާތޮޑާ ކައުންސިލަށް ގޮންޖެހުމަށްފަހު މިއިވެންޓް ފަހުން، ހުވަދޫސްކޫލުގައި ބާއްވަން ހަމަޖައްސައި އެތަނުގެ ހޯލުގައި މިއިވެންޓް ވަނީ ކުރިއަށް ގެންގޮސްފައި. މިއިވެންޓްގައި ހެލްތު މިނިސްޓަރާއި ޕްލޭނިން މިނިސްޓަރާއި އަދި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ބައިވެރިވެ ވާހަކަ ދެއްކެވި. ކައުންސިލުން މިބައްދަލުވުމަށް ހާޒިރު ނުވީތީވެ އެއްބާރުލުން ނުދޭ ކައުންސިލެއް ކަމަށް ބުނެ ރައްޔިތުން ގެ ހިތު ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ފެނެކައިގެ އެމްޑީ ވާހަކަ ދެއްކެވީ. އަދި 13 ނޮވެމްބަރު 2021 ވަނަ ދުވަހު މިއިވެންޓް ބާއްވާ ނިންމުމަށްފަހު މިދެންނެވި ޓީމް ފަރެސްމާތޮޑާއިން ފުރުމުން 14 ނޮވެމްބަރު 2021 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ ފަރެސްމާތޮޑާ ކައުންސިލުގެ ބަހެއް ހޯދުމަކާއި ނުލައި ނުވެސް އަންގައި ފަރެސްމާތޮޑާ މޮނިޓަރިން އަށް ލިކަން ނޫސްތަކަށް މައުލޫމާތުދީފައި.” ނަސްރުﷲ ބުނެފައިވެއެވެ.