ގާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕްރޮސެކިއުޓާ ޖެނެރަލް އެއް ނެތް ކަމަށާއި، ޕީޖީ އަކަށް ހުރީ ސަރުކާރުގެ ވަކީލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް ކަމަށާއި، ހުރީ ސަރުކާރުގެ ވަކީލެއް ކަމަށެވެ. އަދި މިހާރު އެންމެނަށްވެސް ދައުވާ ކުރާނެ އަދި ނުކުރާނެ މައްސަލަތައް އަންދާޒާ ކުރަން އެގޭނެ ކަމަށްވެސް ޖަމީލްގެ ޓުވީޓުގައި ބުނެފައިވެއެވެ.
ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް، ހުރީ ސަރުކާރުގެ ވަކީލެއް. މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭ ދަޢުވާކުރާނެ އަދި ނުކުރާނެ މައްސަލަތައް. ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަންޖެހޭ. އޭޖީ އޮފީހުން ދަޢުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫޢަވެއްޖެ. pic.twitter.com/ODto0b2yDk
— Mohamed Jameel Ahmed (@MJameelAhmed) November 15, 2021
ޖަމީލް ކުރެއްވި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ، ޖުޑީޝިއަލް ސަރވިސް ކޮމިޝަނާއެކު، ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ރިފޯމް ކުރަން ޖެހޭ ކަމަށާއި، އޭޓާނީ ޖެނެރަލް އޮފީހުން ދައުވާ އުފުލި ޒަމާނަށް އެކަން އަނބުރާ ރުޖޫއަވެއްޖެ ކަމަށެވެ.
ޖަމީލް މިމޭރުމުން ވާހަކަދައްކަވާފައިވަނީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ ގުޅޭ ބޮޑެތި މައްސަލަތަކާ އަދި އެނޫންވެސް މައްސަލަތައް ބެލުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭތީއެވެ. އެގޮތުން ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ވެރިންގެ މައްސަލަތަކެއް ހުށަހެޅި ގިނަ މައްސަލަތައް ނުބަލައި ދިގުލައިގެން ދިއުމަކީވެސް ގިނަ ބަޔަކު ފާޑުކިއުން އަމާޒުކުރަމުންދާ މައްސަލަތަކެކެވެ.