އއ.މަތިވެރި ސްކޫލުގެ ބެލެނެވެރިން ނުކުމެ ސްކޫލްކައިރީ އިހުތިޖާޖްކޮށްފިއެވެ.
އެރަށު ސްކޫލުގައި ކިޔަވައިދޭ ޓީޗަރުން ސްކޫލަށް ނުނުކުންނަތާ ދެހަފްތާ ވެފައިވާތީ މިއަދު ޖޫކޭޖީ އަދި އެލްކޭޖީގެ ކުދިންގެ ބެލެނެވެރިން ވަނީ ސްކޫލްކައިރީގައި ސުލްހަވެރިކަމުގެ އިހުތިޖާޖެއް ކޮށްފައެވެ.
އިހުތިޖާޖުގައި ބައިވެރިވި ބެލެނެވެރިން ބުނާގޮތުގައި މަތިވެރި ސްކޫލްގެ ޓީޗަރުން ސްކޫލަށް ނުނުކުންނާތީ ސްކޫލުގައި ކިޔަވައިދެމުންދަނީ އެންމެ ޓީޗަރެއް ކަމަށާއި އޭގެ ސަބަބުން ކުދިންނަށް އެތައް ގަޑިތަކެއް ގެއްލޭ ކަމަށެވެ. މީގެ އިތުރުން އެސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ކިޔަވަމުން ދާ ކަން ބެލެނެވެރިން ވަނީ ފާހަނގަކޮށްފައެވެ.
ކަން މިހެން އޮތުމާއެކު ބެލެނެވެރިން މިއަދު ކުދިން ސްކޫލަށް ނުފޮނުވައެވެ. ކުދިންގެ ބަދަލުގައި ބެލެނެވެރިން ސްކޫލް ކައިރީގައި ތިބެ މިއަދު ވަނީ އިހުތިޖާޖް ކޮށްފައެވެ. އެހެންނަމަވެސް މިމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ބެލެނެވެރިންގެ ކަންބޮޑުވުމަކީ ޓީޗަރުން ސްކޫލަށް ނައިސް ގޭގައި ތިބުމުން ކުދިންގެ ކިޔެވުމަށް އޭގެ އަސަރު ކުރަމުންދާ ކަމާއި މިކަންތައްތަކަށް އެޑިއުކެޝަން މިނިސްޓްރީން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވުމެވެ.
އެހެންކަމުން ބެލެނެވެރިން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުދިން ދެން ސްކޫލަށް ފޮނުވާނީ މިމައްސަލަތަކަށް އެޑިއުކޭޝަން މިނިސްޓްރީން ހައްލެއް ހޯދައިދިނުމުން ކަމަށެވެ.
މިއީ މަތިވެރި ސްކޫލުގައި އަލަށް ދިމާވި މައްސަލައެއް ނޫނެވެ. ގިނަދުވަސްތަކެއް ވަންދެން ސްކޫލުގައި ޕްރިންސިޕަލެއް ނެތި ދިޔުމަށްފަހު ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރު ފުޅަށް ފަހު އެރަށު ސްކޫލަށް ޕްރިންސިޕަލަކު ވަނީ ހަމަޖައްސާފައެވެ.