ޚަބަރު
ކައުންސިލްތަކަށް ދޭ ބަޖެޓުން ޒިންމާ އަދާނުކުރެވޭނެ: އެލްޖީއޭ

އަންނަ އަހަރަށް ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާނޫނުން ލާޒިމުކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ފޯރުކޮށްނުދެވޭނެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފިއެވެ.

އެގޮތުން، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އެލްޖީއޭގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން، އެ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ކުރިން، އޭރުގެ ކައުންސިލަރުންގެ އަދަދާއި މުވައްޒަފުންގެ އޮނިގަނޑުގެ އިތުރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބަލައި، ހަރަދުގެ ގޮތުގައި އަންދާޒާ ކޮށްފައިވަނީ އަހަރެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ 2.1 ޕަސަންޓް ކަމަށެވެ. އެގޮތުން، ގާނޫނު އިސްލާހު ކުރުމުގެ ތެރޭގައި ކައުންސިލުތަކަށް ދޭ އަދަދު ފަސް ޕަސަންޓަށް ކަނޑައެޅީ، ރިކަރަންޓް ހަރަދު ކަނޑައި ބާކީ ބައި ކައުންސިލުތަކުން ޕްރޮގްރާމްތައް ހިންގުމަށް ވިސްނައިގެން ކަމަށެވެ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު ކައުންސިލް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް ޕަސަންޓް އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސަންޓު ކައުންސިލްތަކުގެ މެދުގައި ބަހަންޖެހެ އެވެ.

މިގޮތުން، އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ފަސް ޕަސަންޓް، 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެއާއެކު، މިއަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓް، މި ހިނގާ 2021 ގެ ބަޖެޓަށް ވުރެ 2 ބިލިއަން ރުފިޔާ ބޮޑެވެ. މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 34.9 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ އާމްދަނީ އެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

Comment