ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ލާމަސީލު ޒުވާނާ” ކޭމްޕް އިފްތިތާހުކޮށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
އިއްޔެ ހަވީރު ކުރިޔަށް ގެންދިޔަ މި ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލްއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ.
ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ލާމަސީލު ޒުވާނާ ކޭމްޕުގެ އިފްތިތާހުކޮށް، ލާމަސީލު ޒުވާނާ ކޭމްޕު ހިންގުމަށް އެއްބާރުލުންދީ، އެހީތެރިކަންފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލް ވިދާޅުވީ މިކޭމްޕަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޝައުޤުވެރިކަން ހުރި ދިމާތަކުން އެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ފާހަނގަކުރެއްވި ގޮތުގައި ޒުވާނުން މަގު ފުރެދިގެންދާ އެންމެ ނާޒުކު އުމުރަކީ ސްކޫލު ނިންމާފަ ޒުވާނުން މުޖުތަމައުއަށް ނުކުންނަ އުމުރުކަމަށާއި އެއުމުރުގައި ރަނގަޅު މަގު އިހުތިޔާރުކޮށް، ދައްކުވައިދެއްވިއްޖެނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދިގެންދާނެކަމަށެވެ.
މީގެ އިތުރުން މިކޭމްޕްގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުމަކީ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށާއި މިކަމަށް އިސްނަގައިގެން މިފަދަ ކޭމްޕެއް އައްޑޫ ސިޓީ ކުރިއަށް ގެންގޮސްދިނުމަށް ނިންމިކަމަށްޓަކައި އައްޑޫ ސިޓީ މޭޔަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.