ޚަބަރު
ޓީޗަރަކު ކުއްލިއަކަށް ގެއްލިއްޖެ

އއ. މަތިވެރީ ސްކޫލްގައި އުޅޭ ބިދޭސީ ޓީޗަރަކު ކުއްލިއަކަށް ގެއްލިފައިވާ ކަމަށް އެސްކޫލްގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭ ގޮތުން މީޑީޔާއަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ މިމަހު 14 ވަނަ ދުވަހުން ފެށިގެން އެޓީޗަރު ސްކޫލަށް ނާންނަ ކަމަށާއި އެޓީޗަރު ވީތަނެއް ނޭގޭ ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން މިނިސްޓްރީއަށް އޭނާ ދިޔަކަން އެގުނުުކަމަށާއި އޭނާ އެވަޒީފާގައި އުޅެން ބޭނުން ނުވާތީ ސްކޫލަށްވެސް ނާންގާ ފުރައިގެން ދިޔައީ ކަމަށް ޕްރިންސިޕަލް މައުލޫމާތުދީފައިވެއެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި މިމަހު 13 ވަނަ ދުވަހުގެ ރޭ އެޓީޗަރު ވަޒީފާއިން ވަކިވާން ބޭނުން ވެގެން އޭނަ ކައިރީގައި ބުނުމުން، އެގޮތަށް ވަގުތުން ރިޒައިން ނުކުރެވޭނެ ކަމަށާއި ތިންމަސް ކުރިން އަންގަން ޖެހޭނެ ކަމަށް އެޓީޗަރަށް އެންގި ކަމަށެވެ.

މީގެ އިތުރުން އެޓީޗަރު ހުރި ގޭގެ މީހުންނާއި ސުވާލުކޮށް އޭނާ އުޅުނު ކޮޓަރި ބަލާ ފާސްކުރި ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައްކުރީ އޭނާ ދިޔައީ އެއްކޮށްތޯ ބެލުމުގެ ނިޔަތުގައި ކަމަށް ހަމީދު މީޑީޔާއަށް މައުލޫމާތު ދިނެވެ.

ޓެސްޓު މިވަރަށް ކައިރިވެފައި އޮތްވާ ޓީޗަރު ކުއްލިގޮތަކަށް ދިޔުމުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ސްކޫލްގެ ބެލެނެވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަތިވެރީ ސްކޫލްގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާއިރު އިއްޔެވެސް މަތިވެރީ ސްކޫލުގެ ބެލެނެވެރިންތަކެއް ނުކުމެ ވަނީ އިހުތިޖާޖް ކޮށްފައެވެ. އެސްކޫލްގެ ޓީޗަރުން ސްކޫލަށް ނުދާތީ އާއި އެސްކޫލުގައި އެންމެ ޓިޗަރަކު ކިޔަވައިދެމުންދަތީއެވެ. ބެލެނެވެރިން ބުނާގޮތުގައި ދެން ކުދިން ސްކޫލަށް ފޮނުވާނީ މިނިސްޓްރީން މިކަންތައްތަކަށް ހައްލެއް ހޯދައިދިނުމުން ކަމަށެވެ.

 

Comment