މިއަދު މެންދުރު ސިނަމާލެ ބްރިޖް މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު މެންދުރު 12:10 ގައި ސިނަމާލެ ބްރިޖް މަތިން އެކްސިޑެންޓްވި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ދެ ސައިކަލްޖެހި ހިނގާދިޔަ މިއެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގެ ފަހަތުގައި އިން މާބަނޑު މީހާއަށް ކަމަށެވެ.
އެއަންހެންމީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ދެ ސައިކަލެއް ޖެހި ހިނގާދިޔަ މިއެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެސައިކަލުގެ ފަހަތުގައި އިނީވެސް 18 އަހަރުގެ އަންހެން ކުއްޖެކެވެ. އަނިޔާ ލިބުނީ އެއަންހެންކުއްޖާއަށެވެ.
މިއެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކަށް ފުލުހުން ވިދާޅުވަނީ އެސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ދިޔުމުން ކަމަށެވެ.