ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ ކަމަށްވާ އެމްޑީޕީން އެކުލަވާލާފައިވާ ބަރުލަމާނީ ޕެޓިޝަނަށް 100،000 އަށްވުރެ ގިނަ ސޮއި ލިބިއްޖެކަމަށް މިހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ ޤާނޫނީ ވަކީލް މުހައްމަދު ނިޝާމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނިޝާމް ވިދާޅުވި ގޮތުގައި ބަރުލަމާނީ ޕެޓިޝަނަށް މިހާރު 109،724 ސޮއި ވަނީ ހޯދާފައި ކަމަށާއި މާލެއިންނާއި އަތޮޅުތެރެއިން މިޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި ފާއިތުވީ 90 ދުވަސްތެރޭގައި މިހާބޮޑު ތަރުހީބެއް މިޕެޓިޝަނަށް ލިބިފައިވުމުން ވޯޓް ލެވޭ ޖުމްލަ އާބާދީއާ ހަމައަށް އެ ޕެޓިޝަން ގެންދަން ކެމްޕެއިން ޓީމުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ މިޕެޓިޝަން ރައީސް ސޯލިހު އަށާއި ރައްޔިތުންގެ މަޖުލީހަށް ހުށަހެޅޭނެއެވެ.
މިކަމާއި ގުޅިގެން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މެސެޖެއް ފޮނުވާ ރިޔާސީ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންފުޅުވާ ވާހަކަ ދަންނަވާފައެވެ. އެމެސެޖުގައި ނަޝީދު އެދިލައްވާފައިވަނީ އަންނަ 2023 ގައި ވޯޓެއް ނުބާއްވާ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށާއި ބޮޑުވަޒިރު ކަމުގެ މަޤާމަށް އެމަނިކުފާނު ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.