ހޭނައްތައިގެން ދެވޭ ފަރުވާގެ ހިދުމަތް މިއަދުން ފެށިގެން އަލުން ފެށިގެންދާނެ ކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ޑރ އޭއެސްއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރ ސާލިމް އަލީ ވިދާޅުވީ، ހޭނައްތައިގެން ދެވޭ ފަރުވާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައި އޮތުމަށްފަހު މިއަދުން ފެށިގެން އަލުން ފެށިގެންދާނެ ކަމަށެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ހޭނައްތައިގެން ދޭން ޖެހޭ ފަރުވާގެ ޚިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ވެގެންދިއުމުގެ ސަބަބުން ގިނަ ބަޔަކު ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގއ ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައިވެސް ހޭނައްތާ ޑޮކްޓަރެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް، އެ ޑޮކްޓަރުންގެ މުސާރަ ވަގުތީ ގޮތުން މިނިސްޓްރީއިން ވަނީ ބޮޑުކޮށްފައެވެ.