ޚަބަރު
އިމިގްރޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށް “އިހެމާ” އިފްތިތާހުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން “އިހެމާ” ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ.

ކްލީކް ކޮލެޖުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އިފްތިތާހު ކުރެވުނު މިޕްރޮގްރާމްގެ ބޭނުމަކީ އިމިގްރޭޝަން އޮފިސަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށާއި، ޢާންމުންނަށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށާއި އަދި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރަށް ހަރުދަނާ ކުރުމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާކިޔާ ފަރާތަކީ އިމިގްރޭޝަން އޮފިސަރުންނަށް ވެފައި، ދިވެހިރާއްޖެއަކީ “ސަނީ ސައިޑް އޮފް ލައިފް” ގެ ގޮތުގައި އިޝްތިހާރު ކުރާއިރު، “ސަނީ ސައިޑް” ގެ ފުރިހަމަ ފެށުމެއްކަމުގައި ހަދަންވާނީ އޮފިސަރުން ހިނިތުންވުމާއިއެކު ފަތުރުވެރިންނަށް ކިޔާ މަރުހަބާއެއް ކަމަށެވެ.

މިޕްރޮގްރާމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެހީތެރިކަމާއިއެކު، ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ އާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމަކަށްވާތީ ކޮންޓްރޯލަރ ޖެނެރަލްގެ ވާހަކަފުޅުގައި އެފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.

މިޕްރޮގްރާމަށް “އިހެމާ” ނަން ދެވުނު ގޮތާމެދު ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ މިއީ ހުވަދޫ ބަހުރުވައިން “އެންމެން އެކީގަ ހީލާށޭ” ބުނުމަށް ބޭނުންކުރާ ލަފުޒެއްކަމަށާއި، މިފަދަ ނަމެއް ކިއުމުގެ ބޭނުމަކީ މިނަމާއި ގުޅުވައި “ކަސްޓަމަރ ރިލޭޝަންސް” ގެ ސިފަތައް ގިނަދުވަހު ހަނދާނުގައި ހަރުލެއްވުންކަމަށެވެ.
މިހަފްލާގައި މަޓީގެ ފަރާތުން ބައިވެރިވެލެއްވި، އެ އެސޯސިއޭޝަންގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަސްއަދު ޢަލީގެ ވާހަކަފުޅުގައި އިމިގްރޭޝަން އޮފިސަރުންގެ ދައުރަށް އަލިއަޅުވާލެވުނެވެ. އަދި އިމިގްރޭޝަން އޮފިސަރުން ކުރާ މަސައްކަތް ފާހަގަކޮށް، އިމިގްރޭޝަންގެ ޚިދުމަތްތަކަށް ގެންނަ ހެޔޮ ބަދަލުތަކަށް މަރުހަބާ ދެންނެވިއެވެ.

މިރަސްމިއްޔާތުގައި “އިހެމާ” ބެޖުވެސް ތައާރަފް ކުރެވެގެން ދިޔައެވެ. މިޕްރޮގްރާމު ކުރިޔަށްދާ މުއްދަތުގައި ހުރިހާ އިމިގްރޭޝަން އޮފިސަރުން މިބެޖް ބޭނުންކުރާނެއެވެ. 16 ނޮވެމްބަރުން 2021އިން 25 ޑިސެމްބަރ 2021 ގެ ނިޔަލަށް ކުރިޔަށް ގެންދާ މިޕްރޮގްރާމް އިމިގްރޭޝަން ގެ ހުރިހާ އޮފިސަރުން ހިމެނޭނެހެން، 12 ސެޝަނަށް ބަހާލެވިގެން ދާނެއެވެ.
އެގޮތުން މާލޭގައި 10 ސެޝަން އަދި އަތޮޅުތެރޭގައި 02 ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލެއިން ދެކުނުގައި އެއް ސެޝަން އަދި އުތުރުގައި އެއް ސެޝަންއެވެ. މިއީ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހިމެނޭނެހެން، މޯލްޑިވްސް އިމިގްރޭޝަންގެ ތާރީހުގައި ބާއްވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

Comment