ސަރުކާރުން ރަށްރަށުގައި އަޅަމުން ގެންދާ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ނުނިމި ލަސްވަނީ، އެމަސައްކަތް ހަވާލުވާ ކުންފުނިތަކުގެ ގާބިލުކަން ނެތުމުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްގެ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރަށްރަށުގައި ކުރިއަށް ގެންދާ މަސައްކަތްތައް ލަސްވުމުން އެ މައްސަލަ ހައްލުކުރުމަށް އޮންނަ ހަމައެކަނި މަގަކީ އެ އެއްބަސްވުންތައް ބާތިލުކުރުން ކަމަށާއި، އަދި މިނިސްޓްރީ އަށް ހަދަންޖެހޭ ހިސާބަކީ މަސައްކަތުގެ ބައެއް ނިންމާފައި ވަނިކޮށް އެއްބަސްވުންތައް ބާތިލު ކުރުމަކީ ރަނގަޅު ގޮތެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދަން ޖެހޭ ހިސާބު ކަމަށެވެ.
އެގޮތުން ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތްތަކާ ހަވާލުވާ ފަރާތަކީ ރަނގަޅު ބޮޑެތި ކުންފުނިތަކުން ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ހަވާލުކުރެވިފައިވާ 13 ދަނޑު ތިން އަހަރު ނިމިގެން ދިޔައިރު ނިންމިފައި ނުވަނީ، އެކުންފުނި ތަކުގެ ގާބިލުކަން ކުޑަވުމުގެ ސަބަބުން ކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، ރަށްރަށުގައި ސަރުކާރުން ހަދަމުން ގެންދާ ދަނޑުތަކުގެ މައްސަލައިގައި ގިނަ ޒުވާނުންތަކެއްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދާދިފަހުން، ރ މީދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް އަހަރެއްހާ ދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް މަސައްކަތް ނުނިމިފައިވާތީ އެރަށުގެ ޒުވާނުންވަނީ ހިމޭން އިހުތިޖާޖެއްކޮށްފައެވެ. އަދި ދަނޑުގައި މިރުސް ގަސްވެސް ވަނީ އިންދާފައެވެ.