ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް މޭކަޕް ކުރުމުގެ ދާއިރާއަކީ މިހާރު ވަރަށް ފުޅާވަމުން އަންނަ ދާއިރާއެކެވެ. ފިލްމު ކުޅުމާއި އިސްތިހާރުތަކާއި ފޮޓޯނެގުމުގައި އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދޭ އެއް ދާއިރާއަކީ މޭކަޕް ކުރުމެވެ.
ހުވަދު އަތޮޅަށް ބަލާއިރު މޭކަޕް ކުރުމަކީ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ޕްރޮފެޝަނަލް މަސައްކަތެކެވެ. ރަގަޅު މޭކަޕެއް ނުކޮށް ނަގާ ފޮޓޯ ޝޫޓާއި ޚާއްސަ ރަސްމިއްޔާތުތަކަށް ހާޟިރުވާ އަންހެންވެރިންގެ މޭކަޕަކީ މިހާރު ވަރަށް މުހިންމު އެއްޗެކެވެ.
ގދ ތިނަދޫއަށް އުފަން ޝަފާއަތު އަބްދުﷲ އަކީ ހުވަދު އަތޮޅުގައި މޭކަޕް ކުރުން އެންމެ ފުރިހަމައަށް ކުރާ ފަރާތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ފުރާވަރުން ފެށިގެން މޭކަޕް ކުރުމަށް ޝައުގުވެރިކަން ހުންނަ ޝަފާއަކީ ހުވަދު އަތޮޅުގައި ނަންހިނގާ މޭކަޕް އަރޓިސްޓެކެވެ.
މޭކަޕްގެ ދާއިރާއަށް ޝަފާގެ ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟
ޝަފާގެ ޅައުމުރުގައި އޭނާއަކީ މޭކަޕް ކުރުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އަމިއްލައަށް މޭކަޕްކުރުމުގަިއ ވަރަށް ގިނަވަގުތު ޝައުގުވެރިކަމާއެކު ހޭދަކުރެއެވެ. ޝަފާ އެގޮތަށް އުޅޭކަން އާއިލާގެ ދައްތަމެންނަށް ފާހަގަކުރެވުމުން އާއިލާގެ ފަރާތުން ޝަފާއަށް ސަމާލުކަން ދޭން ފެއްޓިއެވެ.
ޝަފާ މޭކަޕް ކުރުމުގައި — ފޮޓޯ: އަރޫ (ފޮޓޯ މޯލްޑިވްސް)
“އަޅުގަނޑު ވަރަށް ކުޑައިރުވެސް ދައްތަ މޭކަޕް ކޮށްދޭ. އެތަން ބަލަން ހުންނަން. އަދި ވަގުތެއް ލިބުމުން އަމިއްލައަށް މޭކަޕްކޮށް ރީތިތޯ ބަލަން. އެހެން އެކަން ވާން ފެށުމުން ދައްތަ މަދުމަދުން ބުނެދޭންފެށީ. ދައްތަގެ އެހީތެރިކަމަކީ މިއަދު މިދާއިރާއަށް ވަދެވުމުގެ ސިއްރު. އެއީ މޭކަޕް ކުރަން ޝައުގުވެރިވި ގޮތް.” — ސްކޫލް ދައުރު ނިންމާ މޭކަޕްކުރުމުގެ ދާއިރާއަށް ނުކުތް ޝަފާ ބުންޏެވެ.
ތަމްރީނާއި ހުނަރު ދަސްކުރީ ކިހިނެއް؟
މަސައްކަތެއް އަލަށްފަށާ އެންމެންވެސް މިހާރު ކުރާކަމަކީ ޔޫޓިއުބް ބަލައިގެން އަމިއްލަ ވިސްނުމާއެކު ކަންކަން ތަޖުރިބާ ކުރުމެވެ. ޝަފާވެސް އޭނާގެ ހުވަފެން ހަޤީގަތަކަށް ހެދުމަށްޓަކާ ދެވަނަ ވިސްނުމަކަށް ޚިޔާރުކުރީ ޔޫޓިއުބެވެ.
ވެޑިންގ އަކަށް ޝަފާ ކޮށްދީފައިވާ މޭކަޕް އެއް – ފޮޓޯ: އަރޫ
“ޔޫޓިއުބުން ވަރަށް ގިނަ އެއްޗެހި ދަސްކުރިން. އަދި މިހާރުވެސް ވަރަށް ގިނައިން ބަލަން. ދައްތަގެ އެއްބާރުލުމަށްފަހު މިދާއިރާއަށް ރަގަޅުއެއްޗެއް އުނގެނެން ފެށީ ޔޫޓިއުބުން. ތަފާތު މޭކަޕެއް ކުރާނެ ގޮތް ދަސްކުރިން.” ޝަފާ ބުންޏެވެ.
މީގެ އިތުރުން ޝަފާވަނީ 2017 ވަނަ އަހަރުގައި މޭކަޕް ކުރަން ދަސްކުރުމަށް ސްޓެޕް ބިއުޓީ އިން ކޯސް ހަދާފައެވެ. މިކޯހަކީ މޭކަޕް އަރޓިސްޓެެއްގެ ގޮތުގައި މުޖުތަމަޢުއަށް ނުކުންނަން ކުރެވުނު އެންމެ ފުރިހަމަ މަސައްކަތް ކަމަށް ޝަފާ ގަބޫލުކުރެއެވެ.
މޭކަޕްގެ ދާއިރާގައި އަޅަންފެށި ފުރަތަމަ ފިޔަވަޅުތައް
މޭކަޕް ކުރަން ދަސްކުރުމަށްފަހު ޝަފާ ވަރަށް ބޮޑު އިސްކަމެއް ދިނީ އާއިލާއާއި ގާތް ރައްޓެހިންނަށެވެ. އެގޮތުން ތަފާތު ރަސްމިއްޔާތުތަކާ ފޮޓޯ ޝޫޓުތަކަށް ވަރަށް ގިނަ ގާތް މީހުން މޭކަޕްކޮށް ހެދިއެވެ. ގިނަފަހަރަށް އެކްނ އޭނާ ކުރި އަމިއްލަ ޝައުގުވެރިކަން ހުންނާތީއާއި ތަޖުރިބާ ހޯދުމަށެވެ.
ޝަފާގެ ބެސްޓް ފްރެންޑް، މިއީ ޝަފާ ކޮށްފައިވާ ވަރަށް ޚާއްސަ މޭކަޕްއެއް
“ރައްޓެހިންނާ ގާތް މީހުން މޭކަޕް ކުރަން ފެށުމުން ވަރަށް ބޮޑު އުފަލެއް ލިބުނު. އެމީހުން ކުރަމުން ދިޔަ ތައުރީފަކީ ލިބުނު ވަރަށް ބޮޑު ސަނަދެއް. ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެގޮތުން ވަރަށް ގިނަ ކުދިންނާ މީހުންގެ މޭކަޕް ކުރެވިފައިވާނެ.” މޭކަޕް ކުރުމުގެ ދާއިރާގައި ފުރަތަމަ އެޅި ފިޔަވަޅަކީ ގާތް މީހުން މޭކަޕް ކުރަން ފުރުސަތު ލިބުނު ކަމުގައި ގަބޫލުކުރާ ޝަފާ ބުންޏެވެ.
މޭކަޕް ދާއިރާގެ ޚާއްސަ ނަމުން ނަމަ “ޝައިން ވިތް ޝަފާ” ގެ ނަމުން މަޝްހޫރުކަން ހޯދައި މަޤްބޫލު މަސައްކަތްތަކެއް ކުރަމުން އަންނަ ޝަފާ ބުނީ އޭނާ ފުރަތަމަ މޭކަޕެއްގެ ގޮތުގައި ބޭރުތެރެއަށް ނުކުމެ ކޮށްފައިވަނީ ވަރޝަން ފޮޓޯ ސްޓޫޑިއޯއިން ކާޑެއްދޫގައި ނެގި ވެޑިންގ ފޮޓޯ ޝޫޓަކަށެވެ. އެޝޫޓު ވެގެންދިޔައީ ވަރަށް ބޮޑު ތަޖުރިބާއަކަށް ކަމަށްވެސް ޝަފާބުންޏެވެ. އޭގެ ފަހުގައި ތަފާތު ޝޫޓިންތަކުގައި މޭކަޕް ކޮށްދީފައިވާނެ ކަމަށާއި އެގޮތުން ރަށުން ބޭރާއި އައުޓްޑޯ ތަކުގައި މަސައްކަތް ކުރުމަކީ ކުރަމުންދާ މަސައްކަތް މީހުން ބަލައިގަންނަކަން އިހްސާސް ކުރެވޭ ކަމެއް ކަމަށެވެ.
ފޮޓޯގްރާފަރު ނައުޝަމް ވަހީދު އާއި ޝަފާގެ ކޮލެބް ފޮޓޯ ޝޫޓެއް
މިއަދު ޝަފާ މަސައްކަތް ކުރަނީ ކޮން ފެންވަރެއްގައި؟
މޭކަޕްގެ ދާއިރާ ވިޔަފާރި އުސޫލުން ކުރަން ފެށުމާއިއެކުވެސް އޭނާގެ ވިސްނުން ހުރީ މޭކަޕަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށެވެ. އެގޮތުން ރާއްޖޭގެ އެހެނިހެން އަރޓިސްޓުންވެސް ކުރާ ފެންވަރުގައި މަސައްކަތް ކުރުމުގެ “އެސެޓެއް ހޯދިއެވެ. އަދި ކަސްޓަމަރު ބޭނުންވާ ފަދަ މޭކަޕެއް ކުރެވޭފަދަ ޤާބިލްކަން އޭނާ ވަނީ ހޯދާފައެވެ.
ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރު މިލްޒީރޯ ނިޝާން އާއި ޝަފާގެ ކޮލެބް ޝޫޓެއް، މޮޑެލް އަކީ ރާއްޖޭގެ 2019 ގެ ޓޮޕް މޮޑެލް ސާނިޔާ
“މޭކަޕް ކުރުމުގެ މަސައްކަތް އަޅުގަނޑު މިވަގުތު ކުރަނީ ގޭގައި އެކަމަށް ބޭނުންވާ ޚާއްސަ މާޙައުލެއްގައި. އަދި މޭކަޕަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އަތުގައި ހުރޭ. ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުންގެ މޭކަޕް ކޮށްލެވޭނެ ކެޕޭސިޓީ އެބަހުރި.” މިހާތަނަށް 300 އަށްވުރެ ގިނަ މީހުންގެ ތަފާތު މޭކަޕްތައް ކޮށްދީފައިވާ އުމުރުން 27 އަހަރުގެ ޝަފާ ހުވަދޫ ނިއުސް އަށް ދިން ޚާއްސަ އިންޓަރވިއުގައި ބުންޏެވެ.
ޝަފާ ބުނީ އޭނާ މަސައްކަތް ކުރަނީ އެކަނި ކަމަށް ވިޔަސް އެޕޮއިންޓްމަންޓް ތައް ހަމަޖައްސާފައި ހުންނަނީ ދަތި ނުވާގޮތަށް ކަމަށާއި، މޭކަޕް ކުރަނީ އެކަނި ކުރާ މަސައްކަތެއް ކަމަށް ބަލައިގެންނެވެ.
ޝަފާގެ އިންޑިއަން ބްރައިޑަލް މޭކަޕްއެއް
ޝަފާ ކުރަނީ ހަމައެކަނި މޭކަޕް ކޮށްދިނުންތަ؟
ގދ ގައްދޫގައި ޝަފާ ހިންގި މޭކަޕް ކޯހުގެ ބައިވެރިއެއްގެ މޭކަޕްކޮށްފައި
ނޫނެކެވެ. ޝަފާއަކީ މޭކަޕްގެ ދާއިރާގައި މީހުން ތަމްރީނު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާން ކަނބަލެކެވެ. އެގޮތުން ދިރިއުޅޭ ރަށް ކަމުގައިވާ ތިނަދޫގެ އިތުރުން ރަށުން ބޭރުގައި މޭކަޕް ކުރަން ދަސްކޮށްދިނުމުގެ ކޯސްތައް ވަނީ ހިންގާފައެވެ. އެގޮތުން ހުވަދު އަތޮޅުގެ ވަރަށް ގިނަ ރަށްރަށަަށް ގޮސް އޭނާވަނީ އެރަށްރަށުގެ މީހުންނާ ގުޅިގެން ކޯސްތަކެއް ހިންގާފައެވެ.
ގދ މަޑަވެލީގައި ޝަފާ ހިންގި މޭކަޕް ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
“ވަރަށް ބޮޑު އުފަލަކަށް އަބަދުވެސް ވޭ ދަސްކޮށްދިނުން. އަޅުގަނޑަށްވެސް ލިބުނީ އެހެން މީހުންގެ އެހީތެރިކަން. އެހެންކަމުން މޭކަޕް ކުރަން ދަސްކޮށްދޭން ވަރަށް ޝައުގުވެރިކަން ހުރޭ. އަދި ނޭގޭ އެއްޗެއް އޮޅުން ފިލުވާލަން ކޮންމެ ވަގުތަކު ގުޅާލިޔަސް ކިޔައިދޭން ބޭނުންވޭ.” މޭކަޕް ކޯސްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުރުސަތު ލިބެމުންދާ ޝަފާ ބުންޏެވެ.
ގދ ގައްދޫގައި ޝަފާ ހިންގި މޭކަޕް ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝަފާގެ ކުރިމަގު
ޝަފާ އަބަދުވެސް ކުރާ އުންމީދަކީ ތިނަދޫގައި އޭނާގެ އަމިއްލަ މޭކަޕް ސްޓޫޑިއޯއެއް ހިންގުމެވެ. ފުރަތަމަ ދުވަހުވެސް އޭނާގެ މިސްރާބު ހުރީ އެދިމާލަށެވެ. އެހެން ކަމުން އެ މަންޒިލަށް ވާސިލުވުމަށްޓަކައި އޭނާވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މަސައްކަތުގެ ތަޖުރިބާ ހޯދައި ވަސީލަތްތަކާ އާލާތްތައް ހޯދައި ދާއިރާގައި އާންމުންގެ މަގުބޫލުކަން ހޯދިއެވެ. އަދި އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަށް މިހާރުވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ.
ފޮޓޯގްރާފަރު މައިޝަމްއާއި ޝަފާގެ ކޮލެބް ފޮޓޯ ޝެޝަނެއް
“އެންމެ ބޮޑު އުންމީދަކީ ޝައިން ވިތް ޝަފާ ސްޓޫޑިއޯ ތިނަދޫގައި ހުޅުވުން. މިހާރު ވަރަށް ގިނަ މަސައްކަތް އެހެރީ ނިމިފަ.” މޭކަޕްގައި އަރަމުން އަންނަ ތަރި ޝަފާ ބުންޏެވެ.
ޝަފާ އަބަދުވެސް ޝުކުރުވެރިކަމާއެކު ޙިއްސާ ކުރާ ވާހަކަތަކެއް!
“މިއަދު މިހާ ހިސާބަށް މިއާދެވުނީ ވަރަށް ގިނަ މީހުންގެ އެހީތެރިކަމާ ސަޕޯޓާއެކު. އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ބޭނުންވަނީ މަންމަ އަށް. ފުރަތަމަ ދުވަހުން ފެށިގެން ވެސް މަންމަގެ ސަޕޯޓް މިކަމުގަ ލިބޭ. މަސައްކަތުގަ ހުންނަ ގަޑީގަ އަބަދުވެސް މަންމަ ބޭބީ ކައިރީގަ ހުރޭ. އަދި އިތުރަށް ކުރިއަށް ދިއުމަށް މަންމަ ދެއްވާ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން އާއިލާގެ އެހެން މެންބަރުންނާއި ރައްޓެހިން ދެއްވާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި ޕޭޖްގަ ޖަހާ އެޑް ތަކާއި އަދި ކޯސް ސެޓިފިކޭޓުތައް ހެދުމުގަ ޝައިސްތާ ވެދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރަން. ޝައި ޗައިނާގަ އެހާ ބިޒީކޮށް އުޅެމުންވެސް އަޅުގަނޑަށް އަބަދުވެސް ސަޕޯޓު ދޭތީ އެކަން ބަލައިގަންނަން. ދެން މޭކަޕްގެ ތެރެއަށް އެޅި އެންމެ ފުރަތަމަ ސްޓެޕްގަ “ސްޓެޕް ޓު ބިއުޓީ” ގެ ޝިރޫ އަޅުގަނޑަށް ދިން ސަޕޯޓް ހަނދާން ނައްތައި ނުލާނަން. މާލޭގެ މިހާރު އެންމެ މަޝްހޫރު މޭކަޕް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ރިޒް، ބަލްގިސް، ތާތު އަދި ނަދާގެ ފަރާތުން މިކަމުގެ ތެރެއަށް ވަނުމަށް ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި ނިއު އެޑިޝަން އިން އަޅުގަނޑަށް ދިން މޭކަޕް ޕެކް އަކީ މިކަމުގަ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ނިއު އެޑިޝަންގަ އޭރު މަސައްކަތް ކުރި ޝިޔާމް އަށް، މިހާރުވެސް މިކަމުގައި އެހީތެރިކަން ވެދެއްވާތީ އެކަމަށްޓަކައި ޝުކުރުވެރިވަން. ލިސްޓުގަ އެންމެންގެ ނަން ހައިލައިޓް ނުކުރެވުނަސް އަޅުގަނޑަށް މިކަމުގައި އެކި ގޮތްގޮތުން އެހީތެރި ވެދިން އަދި އެހީތެރި ވެދެއްވާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ހާއްސަކޮށް މިފުރުސަތު އަޅުގަނޑަށް ދެއްވީތީ ހުވަދޫ ނިއުސް ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. – މޭކަޕް ދާއިރާގައި ޝަފާ ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގައި އެކި ހަރުފަތްތަކުގައި އެހީތެރިވެދެއްވާ އެންމެނަށް ޝުކުރު ދަންނަވަމުން ޝަފާ ބުންޏެވެ.
މަސައްކަތެއް ދަސްވެ އެކަމެއްގެ ކުރިއެރުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެކަން ޔަގީނެވެ. ޝަފާއަކީ އޭނާއަށް ލިބެމުންދާ އެހީތެރިކަން އަބަދުވެސް ފާހަގަ ކުރާ ފަންނީ މަސައްކަތްތެރިއެކެވެ. އެގޮތުން އޭނާގެ މަސައްކަތުގައި އާއިލާގެ އެހީތެރިކަމަކީ އޭނާ ޝުކުރުވެރިކަމާއެކު އަބަދުވެސް ފާހަގަ ކުރަން ބޭނުން ކަމެކެވެ. އަދި ފޮޓޯ މޯލްޑިވްސްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަކީ މިދާއިރާގައި އޭނާގެ މަސައްކަތް މީހުންނަށް ފެނުމުގައި ލިބުނު އެންމެ ބޮޑު އެއްބާރުލުން ކަމުގައި ޝަފާ ފާހަގަކުރެއެވެ. ވަކިން ޚާއްސަކޮށް މޭކަޕް ކުރުމަށް އަންނަ ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުޚީބާއި އަގު ވަޒަންކުރުމަކީ އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާ ކަމެކެވެ.