މާލޭ މަގުމަތިން ސިފައިންގެ މީހަކު ހިފަހައްޓައި އޭނާ އަތުން ފައިސާ ހޯދުމަށް ރަހީނު ކުރުމަށްފަހު ފައިސާ ނުދިނުމުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފިއެވެ.
އެކި ގޮތްގޮތުން އޭނާއަށް އަނިޔާ ކުރުމުންވެސް ފައިސާ ނުލިބުމުން މިއަދު ހެނދުނު އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް އޭނާ ވަނީ މަގުމައްޗަށް ވައްޓާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ރަހީނު ކުރުމަށްފަހު އަނިޔާކޮށްފައިވަނީ، ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ސިފައިންގެ މީހެކެވެ. އޭނާ ރަހީނު ކޮށްފައިވަނީ އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައިދަނިކޮށް ރޭ 23:30 އެހާކަންހާއިރުއެވެ. ރަހީނު ކުރުމަށްފަހު އޭނާގެ ބުރަކައްޓާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ކުރުމުގެ އިތުރުން ހަށިގަނޑުގެ ބައެއް ތަންތަނުގައި ސިނގިރޭޓު ރޯކޮށްފައި ޖައްސާފައިވެއެވެ.
ފުލުހުން ވިދާޅުވީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:55 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާ ލިބުނު ސިފައިންގެ މީހާއަށް އައިޖީއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދެއެވެ.