“އުތުރުހުވަދޫ ތަސައްވަރު”ގެ ނަމުގައި ގއ. އަތޮޅުގެ 5 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ.
ނޮވެމްބަރ 18 އިން 20 އަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިބައްދަލުވުން ކުރިޔަށް ދާނީ ގއ.ވިލިނގިލީގައެވެ.
ގއ.އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި މިބައްދަލުވުމުގައި ގިނަ މުއައްސަސާތަކުގެ އިސްބޭފުޅުން ހިމެނޭ ގޮތަށް 90 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެއަތޮޅުގެ ހުރިހާ ރަށަކުން 37 ބޭފުޅަކު މިބައްދަލުވުމުގައި ބައިވެރިވެރިވާނެ ކަމަށެވެ.
ވިލިނގިލީގައި ކުރިޔަށްދާ މި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސާއި، ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީގެ އިތުރުން ފަންނީ ބޭފުޅެއް ކަމަށްވާ އަލްފާޟިލް އަދުނާނު ޙަލީމުވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ ގއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ސައީދުއެވެ.