މާލޭ މަގުމަތީގައި ހިނގާފައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަގުމަތީ ހިނގާފައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލައި ޖިންސީ ފުރައްސާރަކުރި ކަމުގެ ރިޕޯޓް މިއަދު 10:52 ގައި ލިބިފައިވާ ކަމަށާއި މިމައްސަލައިގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއަންހެންމީހާ މީސްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ޑިއުޓީއަށް ދިޔަ ގަޑީގައި މީހަކު އޭނަގެ ޖިންސީ ގުނަވަނުގައި ހިފައި ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަން އޭނައަށް ލިބިފައިވާކަން ހާމަކޮށްފައިވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.
މާލޭގެ މަގުމަތީގައި އުޅޭއިރު އަދި ވަޒީފާގެ މާހައުލުގައި އަންހެންކުދިންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހުމަކީ މިހާރަކަށް އައިސް މަދުން ނަމަވެސް ކުރިމަތިވާ މައްސަލައެކެވެ. ޖިންސީ ފުރައްސާރައިގެ މައްސަލަތައް މަދުކުރުމަށް ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ.