އުތުރުގެ ރަށެއްގައި އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން ވިދާޅުވީ، ފަސްއަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށަކުން މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 12:50 ގައި ހުށަހަޅާފައިވާ ކަމަށެވެ.
ފަސްއަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ފުލުހުން ވިދާޅުވީ، ފަސްއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ދާދި ފަހަކުން މާލޭގެ ސްކޫލެއްގެ ފާހާނައަށް ގެންގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭތީ އެމައްސަލައިގައި ގިނަ ބަޔަކުގެންދަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފައެވެ.