މާލެ އަތޮޅުން އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާ ކެޔޮޅަށް ދޭ “ކެޔޮޅު” އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފާއިތުވީ އޮކްޓޫބަރ މަހު ކުރި އިއުލާނާއި ގުޅިގެން މިއެވޯޑަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާކަމަށާއި މިހިނގާ ނޮވެމްބަރ މަހު 25 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މިއަހަރު މަސްވެރިންގެ ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ މިއެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް އެމީހަކީ މިހާރުވެސް މަސްވެރިކަމުގައި އުޅޭ އިތުރު އެހެން މަސައްކަތެއް ނުކުރާ މީހަކަށް ވާންޖެހެއެވެ. މިޝަރުތު ހަމަވާނަމަ އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީއަށް މެއިލްކޮށްދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެންމެ ހިދުމަތްތެރި ކެޔޮޅަކަށް ހޮވަނީ 35 އަހަރުން ދަށުގެ ކެޔޮޅުންނެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅު ކަމަށް ހޮވާނީ 35 އަހަރުން މަތީގެ ކެޔޮޅުންނެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި އޮތީ ކ.ގާފަރުގައެވެ.