ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަން ދިވެހި ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމާލުމަށްފަހު މަޖުލީހުގެ އިދާރާ އާ ހަވާލުކޮށްފިއެވެ.
އެގެ ހުންނަ ސަރަހައްދު ރެޑް ޒޯނެއްގެ ގޮތުގައި ފާހަގަކޮށްފައިވުމާއެކު އެސަރަހައްދުގައި ދުއްވާ އެއްޗެހި ޕާކުކޮށް މަޑުކޮށްގެން ތިބުން ވަނީ މަނާކޮށްފައެވެ. އިއްޔެގެ ވަގުތެއްގައި މަޖުލީހުގެ އިދާރާއަށް އެގެ ވަނީ ހަވާލުކޮށްފައެވެ.
މިވަގުތު ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ޖޮޓެލް ޖެންގައެވެ. ސަރުކަރުން އެމަނިކުފާނުގެ ސެކިއުރިޓީއަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވަން ހަމަޖެއްސި ގެޔަކީ ސެކިއުރިޓީ ވަރުގަދަ ގެއެކެވެ.
މެއި 6 ވަނަ ދުވަހުގެ ރޭ މަޖުލީހުގެ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށްފަހު ރާއްޖެ ވަޑައިގަތުމުން ސަރުކާރުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ކަންތައްތަކާ ހަވާލުވެ ވޑައިގެންފައެވެ.
ޖާނުން ފިދާވެގެންވެސް ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތައް މެދުނުކެޑި ދެމުންދާއިރު މެއި 6 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ 4 މީހެއްގެއެވެ.
މިހަތަރު މީހުންނަކީ އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.