ތުއްތު ދަރިފުޅަށް ހިތްފަސޭހަ ނާނާއަކަށްވުރެ ފޮނި ގޮތެއް ނެތެވެ. ނިދުމުގެ ވަގުތުގައި ނާނާއެއް އެ ތުއްތު ސިކުނޑީގައި ހަރުލެވިފައި އޮތުމަކީ ދަރިފުޅާއި އޭނާގެ މަންމައާއިމެދު ވަރުގަދަ ފޮނި އިހްސާސްއެއް ކޮށްދޭ ކަމެކެވެ. ދަރިފުޅުގު ކޮގްނިޓިވް ޑިވެލޮޕްމަންޓް ވެސް ރަނގަޅުކޮށްދޭ ކަމެކެވެ. ހަމަ އެހެންމެ މި ނާނާތަކުގެ ސަބަބުން ތުއްތު ދަރިފުޅުގެ ސިކުނޑިއަށް އެއިގެ އެދެވޭ އަސަރުކޮށް އެއިގެ ސަބަބުން ބަސް ހޯދުމާއި ކިޔުންތެރިކަމުގެ ހުނަރު ތަކަށް ދަރިފުޅަށް ތައްޔާރު ކޮށްދެއެވެ.
ކޮންމެއަކަސް ނާނާ ކިއުމަކީ އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ޘަޤާފަތުގެ ތެރެއިން އައިސްފައިވާ އަދަބީ ތަރިކައެކެވެ. މީގެ އެތައް ހާސް އަހަރެއްގެ ކުރިން ކިޔަން ފެށިފައިވާ ނާނާ އެވަނީ މުޖުތަމައުގައި ޚާއްޞަ މަޤާމެއް ހޯދާފަކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ބިރުވެރި ކަމާއި ނާމާންކަން ސިފަ ކޮށްދޭ ފަދައިން ލޯތްބާއި އޯގާތެރިކަމުގެ އިހުސާސްތައް ގެނެސްދީފައި ހުންނަ ނާނާތައް ހުރިހާ ގައުމެއްގައި ވެސް ކިޔާފައި ވެއެވެ. އެހެން ނަމަވެސް އެ ގައުމެއްގެ އާދަކާދައާއި ގުޅޭ ގޮތުންނެވެ. އެގޮތުން ދިވެހިންގެ ތެރޭގައި ކިޔަމުން އަންނަ ނާނާތަކުގައި ވެސް ލޯތްބާއި ކުލުނުގެ އިހުސާސްތަކާއި މައިންބަފައިންގެ ހިތުގެ ޖަޒުބާތުތައް ދިވެހިން ކިޔާ އުޅުނު ނާނާތަކުން ފެނެއެވެ. ދިވެހިން ކިޔާއުޅޭ މަޝްހޫރު ނާނާތަކަށް ބަލާއިރު، “ބަޑި އެދުރުންނާ” “ރޯކުދިންގެ ތުންކާން އަންނަ ނާނާއާ” ބުޅަލެއްގެ ވާހަކަ” އަންނަ ނާނާ ހިމެނެއެވެ. މިއީ އާންމު ނާނާތަކެވެ.
އެހެންކަމުން ދިވެހިން ވަކި ހާލަތްތަކާއި ގުޅިގެން އެވޭލާ ކިޔައި އުޅުނު ނާނާތަކާއި އެއިގެ މަޤްސަދު މި ލިޔުމުގައި ފާހަގަކޮށްލާނަމެވެ.
ހިތުގެ އިހްސާސް ބަޔާންކޮށްދޭ ނާނާތައް
- ތިޔައީ މިހަޔާތް އަލިކޮށް އުއްމީދު އުފެއްދި ނިޝާނޭ
- ނާދޭ ލޯބިން ނުފުރޭ ފަހަރެއް ހިނިތުން ވީމާ
- ނަޔާ ކުޑަކުޑަ މިލޯބ ގެ މޫނުން ބަލާލީމާ ހިތަށްދޭ ޝުޢޫރުން
- މިޔޭ ހަޔާތުގެ ގުލް ޒާރުގައި ހެދުނު / ފިޔަ ރީތި ނާޒުކު މަލަކީ ފަރިވެގެން
މިއީ ދަރިންނާއި މެދު މައިންބަފައިންގެ ހިތުގައި އުފެދޭ އިހުސާސް ތަކާއި ޝުޢޫރުތައް ވަރަށް ރަނގަޅަށް ފެނިގެން ދާ ނާނާތަކެކެވެ. އެގޮތުން ދަރިންނަކީ ދިރިހުރުމުގެ އުންމީދު ކަމެވެ. އަދި އެ ދިރިއުޅުން އަލިކޮށްދެނީ ދަރިންކަމެވެ. ދަރިފުޅު ހީލާތަން ފެނުމުން ވެސް މައިންބަފައިންގެ ހިތް އުފަލުން ފުރޭކަމެވެ. އަދި މުޅިރޭގަނޑު ހޭލަން އިންނަން ވިޔަސް ޝައުގުވެރިކަމާއިއެކު ބެލެނީ ދަރިފުޅުގެ ހަރަކާތް ތަކަށެވެ. ދަރިފުޅުގެ މޫނަށް ބަލާލައި ކޮންމެ ފަހަރަކު އެތައް އެއްޗެއް ހިތަށް އަރަމުން ދާކަމެވެ. އަދި އެތައް އިހުސާސްސެއް ހިތަށް ވެރިވަމުން ދަކަމެވެ. އެހެން ގޮތަކަށް ބުނާނާމަ އެތައް ހަނދާނެއް އާވަކަމެވެ.
ކުޑަކުދިން ބިރުގެންނެވުމުގެ ނާނާތައް
- ރޯއަޑާ އެކުގައި މަދަރިފުޅު މޭނަގާނޭ ނާނާނާ ދަންވަރަށްރޯ ކުޑަކުދިންނޭ ނިންދަވާ ނަމަ ނާނާނާ
- ދަންވަރަށް އަންނާނެޔޯ ދެންހަންޑިތައް ސިއްރުން ބޮނދައިގެން
- ފޫޅު ދިގު ދަންނަމުންތަ ހަންޑިއެ ފޫޅު ދިގު މިކޮޔަށް ގޮވާނޭ ހޫރެމުންދާނޭ ގެއަށްވަދެ ފޫޅު ކެއެމަށް ނާނާނާ
- ލޯމަފުޅު ދަރި ނުހުޅުވާނދޭ ތޯބަހެއް ނޫނޭ އަހާންދޭ ހޯދަމުން ދެވިތައް ހިނގާދޭ ރޯއަޑަށް ތިޔަ ނާނާނާ
މި ނާނާތަކުން ކިޔާފައިވަނީ ކުޑަކުދިން އަވަހަށް ނިންދެވުމަށް ބިރު ގެންނެވުމުގެ މަޤްސަދުގައެވެ. އޭގެ ތެރޭގައި ރޭގަނޑު ދަންވަރަށް ހޭލައިގެން ރޯނަމަ ކުދިންގެ މޭކާނެ ކަމުގެ ބިރުދެއްކުމެވެ. އަދި ދަންވަރަށް ހޭނުލުމަށް ބާރު އެޅުމަށް ބިރު ދެއްކުމެވެ. އަދި ދަންވަރު ގަޑީގައި ހަންޑިތައް އުޅޭނި ސިއްރުން ބޮދައިގެން ކަމުގައި ބުނެ ބިރު ދައްކާފައި ވެއެވެ. އަދި ރޭގަނޑަށް ގޭކައިރީގައި އަބަދުވެސް އަސްކަނު ދޮށުގައި ރޯކުދިންގެ އަޑު އެހުމަށް ފަސްތަނުން ބަދެގެން ކަށްޑެވި ކިޔާ ދެވި ހުންނާނެ ކަމުގެ ބިރު ދައްކާފައި ވެއެވެ. އަދި ފޫޅު ދިގުހަންޑި ގޮވާނެ ކަމާއި އަދި ރޯ ކުދިންގެ ގޭގެއަށް ފޫޅު ކެއުމަށް ފޫޅުދިގުހަންޑި އައިސް އުޅޭ ކަމުގެ ބިރު ދައްކައިގެން ނިންދާވާ ކަމެވެ. މިއި ހަދަހަދައިގެން ދައްކާ ތޯތޯ ބަހެއް ނޫނޭ ބުނެ ކުދިންނަށް ޔަޤީން ކޮށްދީ ބިރުދައްކާފައި ވެއެވެ.
ކުދިން ބެލުމާ ބެހޭ ނާނާތައް
- ޢިލްމުން ޢަމަލު ކުށޭކުރާ ޙިލްމުން އެތެރޭ ށޭފުރާ
- ބަސްމޮށުން އިރަކުން އިނގޭ ފަސްހުކުމް ދީނާ ބެހޭ / ދަސްކުރައްވަން ވާނެޔޭ ރަސްފަގީ ދަރި ނާނާނާ
- މަންމަމެން ކިބައިގައި ޙައްޤު ދަރިޔާ މެދަށްވާ
- ޢިލްމުން ޢަމަލު ކުށޭކުރާ ޙިލްމުން އެތެރޭ ށޭފުރާ
- ވަބާޔާ ބަލި ބަލާ ބަދު ނަޒަރުފަދަ ހުރިހާ ނުބައި ކަމަކުން
މި ނާނާތަކުން އަންގައިދެނީ ދަރިން ބަލާ ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ކުޅެފައި ވަނީ ވަރަށް ޒިންމާދާރު ރޯލެއްކަމެވެ. ކުދިންގެ ހުރިހާ ތަރުބިއްޔަތަކަށް އިސްކަންދީފައި ވާކަމެވެ. އެ ގޮތުން ފުރަތަމަ އެކުދިން ދީނީ ގޮތުން ރަނގަޅު ކުދިންނަށް ހާނުވަން އަނގައިން ބަސްމޮށެވޭ ހިސާބުން ފަށާކަމެވެ. އަދި ސުވަރުގެއާއި ނަރަކައިގެ ވާހަކައިން އެކުދިންގެ ހިތުގެ އަޤީދާ ހާނުވާ ތަރުބިއްޔަތު ކުރާކަމެވެ. އަދި ރަނގަޅު އަޚްލާޤަށް މަގުދައްކައި ނަޞޭހަތްތެރި ވަމުން ދާކަމެވެ. އަދި ދީނަށް ސަމާލުވެ ދީނީ ވާޖިބުތައް ފަޤީރު ހާލުގައި ވިޔަސް ގަވާއިދުން އަދާކުރަން ވާނެކަމަށް އަމުރު ކޮށްފައި ވެއެވެ. އެގޮތުން އިޖުތިމާއީ ގުޅުންތަކާއި އާއިލީ ގުޅުންތަކަށް ވަރަށް ބޮޑަށް ބާރު އަޅާކަމެވެ. އަދި ކަންކަމުގައި ކެތްތެރި ވުމަށާއި އެހެން މީހުންނަށް ދުއްތުރާކޮށް އުނދަގޫ ނުކުރުމަށް ނަޞޭހަތްތެރި ވެފައި ވެއެވެ. އަދި އެހެން މީހުންނަށް ހިތްހެޔޮ ދަރިއަކަށް ވުމަށް އެދިފައި ވެއެވެ
ހިޔާލީ ފުރާތައިގެ ނާނާ
- ހަންޑި ޓައް ގޮއްވާލި އަޑުއޭ ފައްޓަމާ ތަކުބީރުވެސްއޭ
- ގޯނިބޭ އަންނާނެޔޭ ހޮރު ބޯދެމުންގޭގެ މަތިންދޮރު
- ބަޑި އެދުރު އަންނާނެ މިކިޔާ ހަޑިތަނެއްގައި ހުރެ ބަލާފައި
މި ނާނާ ތަކުން ފާހަގަ ކުރެވުނީ ކުދިން ބިރުގެންނެވުމަށާއި ދިވެހިންގެ ގަބޫލުކުރުމުގައި ޚިޔާލީ ފުރޭތަ ތަކެއް ގެންގުޅެފައި ވާކަމެވެ. އެގޮތުން ހާމުންޑި، ސަންތިމަރިޔަނބު، ކަނޑު ވިގަނި، ކަށްޑެވި، ގޯނިބޭ، ބަޑިއެދުރު، މިސްކިތުދާރަ، ފޫޅުދިގު ހަނޑި ހިމެނެއެވެ. އަދި ބައެއް ކަހަލަ ވާހަކަ ތަކަކީ ދިވެހިން ގަބޫލުކުރާ ގަބޫލުކުރުން ކަމެވެ. އެގޮތުން މި ނާނާގެ ވާހަކަ ތަކަށް ބަލާއި އިރު ރޭގަނޑު ދަންވަރަށް ހަންޑި ޓައްގޮއްވާ އަޑު އިވޭ އިރަށް ބަންގިގޮވާ ހަދާކަމެވެ. އަދި ރަށްމަތިން ދޫންޏެއް ދިއުމަކީ ކަންބޮޑުވާވަރު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ކަނޑުވިގަންޏާއި ސަންތިމަރިޔަނބަކީ އަރައިގެން އަންނަ ދެ ފުރޭތައެވެ. ކުޑަކުދިން ރޮނީ ތޯ ބަލަމުން ހިނގަނީ ފޫޅުދިގުހަންޑި، ކަށްޑެވި އަދި ހޭމޫސައެވެ.
ނޯޓް: މިއީ ކޮށްފައިވާ ޢިލްމީ ދިރާސާއެއްގެ ކުރު ހުލާސާއެއް