ތިނަދޫ ކައުންސިލް ހަވަރު ފުޓްސަލް މުބާރާތުގައި މިރޭގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން، ތިނަދޫ ޝައިހާ އަށް އެހީތެރިކަން ފޯރުވުމުގެ ޚާއްސަ ކެމްޕެއިނެއް ވަނީ ފައްޓާފައެވެ.
ތިނަދޫގެ މުއައްސަސާތަކުގެ މެދުގައި މިވަގުތު ކުރިޔަށްދާ ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް ޓޯނަމަންޓްގެ މިރޭ ކުރިޔަށްދާ ފުރަތަމަ މެޗުގައި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ކުޅޭ މެޗު ފެށުމުގެ ކުރިން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ތަޢުލީމު ހާޞިލްކުރަމުން އަންނަ އުމުރުން 13 އަހަރުގެ ތިނަދޫ ދަރިއެއް ކަމުގައިވާ، އާމިނަތު ޝައިހާ ޝަހީދު އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްސަ ކެމްޕެއިނެއް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން އިސްނަގައިގެން ވަނީ ފަށާފައެވެ.
ޝައިހާ ކުއްލި ގޮތަށް ބަލިވެ، ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި، ހާލުދެރަވުމުގެ ސަބަބުން އިތުރަށް ފަރުވާ ދިނުމަށް މާލެ ގެންދެވި، އަންނަނީ އައިޖީމެޗްގެ އައިސޫޔޫގައި، ވެންޓިލޭޓަރުގައި ބޭއްވިފައެވެ. ހެދުނު ޓެސްޓްތަކުން އެނގިފައިވާ ގޮތުން ލޭގެ ކެންސަރުގެ ވައްތަރެއް ކަމުގައިވާ “އެކިއުޓް ލުކީމިއާ” ވަނީ ކުރިމަތިވެފައެވެ. އާއިލާ އިން މަޢުލޫމާތު ލިބިފައިވާ ގޮތުން ޝައިހާ އިތުރަށް ފަރުވާ ދިނުމަށް އިންޑިއާއަށް ފުނުވާލުމުގެ މަސައްކަތް ދަނީ ކުރެވުމުން ނެވެ.
މި ފަންޑް ރެއިސިންގް އިވެންޓަކީ، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކަށް ކުރިމަތިވެފައިވާ ހިތާވެރި ހިތްދަތި ވަގުތުގައި، ޝައިހާގެ ފަރުވާއަށް، އާއިލާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްސަދުގައި އެ ސްކޫލްގެ ޔުނިފޯމް ބޯޑީސްތަށް ކަމުގައިވާ، ކެޑޭޓް، ސްކައުޑް އަދި ގައިޑް ދަރިވަރުންގެ އިސްނެގުމާއެކު ރޭވިގެން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ.
މިހަރަކާތާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ހުވަދޫ ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި، ސްކޫލްގެ ޔުނިފޯމް ބޮޑީގެ އިސްދަރިވަރުންގެ އިސްނެގުމާއެކު، މި ފެށިގެންދާ ފަންޑްރެއިސިންގ ހަރަކާތުގައި، ތިނަދޫ ކައުންސިލް ހަވަރު ފުޓްސަލް މުބާރާތުގައި މެޗްތަށް ކުރިޔަށްދާ ވަގުތުތަކުގައި، ޝައިހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިނަކާއެކު، ފަންޑު ފޮއްޓެއް ބެހެއްޓިގެންދާނެ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ފައިސާގެ ގޮތުން ދެވެން އޮތް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމަށް ބޭނުން ކުރެވިދާނެ އެކައުންޓްތައް:
ބީއެމްއެލް (ރުފިޔާ) 7730000409766 ޝަމްއަތު ޝަހީދު (ޝައިހާގެ ދައްތައެއް)
އިސްލާމިކް ބޭންކް (ރުފިޔާ) 90103100952851000 ޝަފްރަތު ޝަހީދު (ޝައިހާގެ ދައްތައެއް)
ބީއެމްއެލް (ޑޮލަރު) 7770000015521 އައިޝަތު ޖިނާ މުހައްމަދު
އެހީދިނުމުގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9663044 / 9572879 އާއި ގުޅުއްވުން އެދެމެވެ.
ހުވަދޫ ނިއުސް ޓީމްގެ ފަރާތުން، ޝައިހާ ބަލިހާލަތުން އަރައިގަނެ ފުރިހަމަ ސިއްހަތެއް ލިބިގެންދިޔުމަށް އެދެމެވެ.
ﷲ ތަޢާލާ، ޝައިހާގެ ކުރިމަތިވެފައިވާ ބަލިހާލަތު ފަސޭހަކުރައްވައި ދުޅަހެޔު ސިއްޙަތެއް މިންވަރު ކުރައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވައި، ގިނަފަރާތެއްގެ ހެޔޮދުއާއާއި އައްސަވައި، ވީހާވެސް ގިނަ ފަރާތެއްގެ އެހީތެރިކަމާއި މަދަދު އާއިލާއަށް ފޯރުކޮށްދެއްވާށި. އާމީން.