ކުޅިވަރު
އިނގިރޭސި ކަޅުނަސްލުގެ ތިން ކުޅުންތެރިޔަކާ ނަސްލީގޮތުން ދިމާކުރަނީ

އާދީއްތަ ދުވަހު ކުޅުނު ޔޫރޯ 2020 ގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީއްޖާ އަކުން މެޗު އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން އިނގިރޭސިވިލާތް ބަލިވުމުން އެޓިމުގެ 3 ކުޅުން ތެރިޔަކަށް އެގައުމުގެ ސަޕޯޓަރުން މީސް މީޑިޔާގައި ނަސްލީގޮތުން ދިމާކުރަމުން އެބަދެއެވެ. އިގިރޭސި ވިލާތުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން އާއި ޕްރިންސް ވިލިއަމްގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން ގިނައަދަދެއްގެ މީހުން ދަނީ މިކަން ކުއްވެރިކުރަމުންނެވެ.

ޕްރައިމް މިނިސްޓަރ ބޮރިސްގެ ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މި އިނގިރޭސި ޓީމަށް ބަތަލުންގެ ދަރަޖަ ޙައްޤު ކަމަށާއި ނަސްލީ ގޮތުން ދިމާކުރުން ބަލައި ނުގަނޭވޭ ކަމަށާއި އަދި ނަސްލީގޮތުން ދިމާކުރާ މީހުން އަމިއްލަ ނަފްސާމެދު ލަދުގަންނަން ޖެހޭ ކަމަށެވެ. ޕްރިންސް ވިލިޔަމްއާއި އަނބިކަނބަލުން ކޭޓްގެ ރަސްމީ ޓުވިޓާ އެކަންޓުގައި ލިޔެފައި ވަނީ، ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކުރުން މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށާއި މިކަން ވަގުތުން ހުއްޓާލުމަށެވެ. އަދި މިކަމުގައި ހިމެނޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އެޓްވީޓުގައި ގޮވާލައްވައިފައި ވެއެވެ.

އިނގިރޭސި އެފްއޭއިން ވަނީ މި މައްސަލަ ތަހުޤީޤު ކޮށް މިކަމުގެ ފަހަތުގައިވާ މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އިނގިރޭސި ސަރުކާރަށް ގޮވާލާފައި އެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކަށް ސަމާލުވެ މިފަދަ ވާހަކަތައް ފަތުރާ އެކައުންޓްތައް ހުއްޓުވުމުގައި ހަރުދަނާ ވުމަށް މީސް މީޑިޔާ ކުންފުނިތަކަށް އެފްއޭއިން ވަނީ ގޮވާލާފައިއެވެ. މީގެ އިތުރުން ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިސް އިން ވަނީ މި މައްސަލަ ތަހުޤީގު ކުރާނެ ކަމަށް އިއުލާނުވެސް ކޮށްފައިއެވެ.

1966 ވަނައަރު އަމިއްލަދަނޑުގައި ވޯލްޑްކަޕް އުފުލާލުމަށް ފަހު އެގައުމަށް ތައްޓެއް ލިބިފައެއްނުވެއެވެ. މިއަހަރުގެ ޔޫރޯ ފައިނަލް ވެގެން ދިޔައީ 2 ޖީލަށް ދެމިގެންދިޔަ ދިގު އިންތިޒާރަށް ނިމުމެއް އައިސްދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރި ފައިނަލަކަށެވެ. މެޗުގެ 2 ވަނަ މިނެޓުގައި ލޫކް ޝޯ ގޯލެއް ޖަހާ އިނގިރޭސީންނަށް ކުރި ހޯދައި ދިނެވެ. އެހެންނަމަވެސް މެޗް އެއްވަރުކޮށް އިގިރޭސީންގެ ހިތްތަށް ކުދިކުދި ކޮއްލީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޓަލީގެ ސެޓްރަލް ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރަމުން ދަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް އަށާއި އެޓީމާއި ދާދި އަވަށް ގުޅޭނެ ކަމަށް ބެލެވޭ، ޖަރުމަނުގެ ބްރޯޝިއާ ޑޯޓްމަންޑް އަށް މިހާރު ކުޅެމުން އަންނަ ޖޯރޑަން ސަންޗޯގެ އިތުރުން އާރސެނަލް އަށް ކުޅެމުން އަންނަ ބުކަޔޯ ސަކާއަށެވެ. މި ތިން ކުޅުންތެރިން ޖެހި 3
ޕެންލްޓީގެ ތެރެއިން ސަންޗޯ އާއި ސަކާ ޖެހި ޕެންލަޓީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ހުށިޔާރު ކީޕަރު ޖަންލުއިޖީ ޑޮނަރޫމާ ވަނީ މަތަކޮއްފައެވެ. މީގެ އިތުރުން ރަޝްފޯޑުގެ ޕެނަލްޓީވެސް ވަނީ އަރިމަތީ ދަނޑީގައި ޖެހި ބޭރަށް ގޮސްފައެވެ.

ޖެކް ގްރީލިޝްމެން ފަދަ ކުޅުންތެރިން އިނގިރޭސި ޓީމުގައި ހިމެނޭ އިރު ތަޖުރިބާ މަދު ކުޅުންތެރިންނަށް ޕެނަލްޓީ ޖަހަން ފުރުސަތު ދީފައިވާކަން ފާހަނގަ ކޮށް ގިނަ ސުވާލު ތަކެއް އިގިރޭސި ޓީމާއި ވަނީ ކުރިމަތިވެފައެވެ. ކޯޗު ގެރެތް ސައުތްގޭޓް ހާމަ ކުރި ގޮތުގައި ޕެނަލްޓީ ޖަހާ ކުޅުންތެރިން ނިންމީ އޭނާ ކަމަށާއި ނާކާމިޔާބީގެ ޒިންމާ ނަގާނީ އޭނާ ކަމަށެވެ. ކޯޗު ގެރެތް ސައުތްގޭޓްވެސް ވަނީ ނަސްލީ ގޮތުން ކުޅުންތެރިންނާއި ދިމާކުރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މިކަމަކީ “މާފް ކުރެވޭނެ ކަމެއް ނޫން” ކަމުގައި ބުނެފައެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގެ ބޭރުގައި އިނގިރޭސި ސަޕޯރޓަރުން އެޤައުމުގެ އަމިއްލަ ސަޕޯރޓަރުން ޓިކެޓު ނުނަގާ ދަނޑަށް ވަންނަ ކަމަށް ބުނެ މާރަމާރީ ހިންގާ ވީޑިއޯ ތަކެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުން އެބަދެއެވެ. އެހެން ނަމަވެސް ޓިކެޓު ނުނަގާ އެއްވެސް ބަޔަކަށް ދަނޑަށް ނުވަދެވޭނެ ކަމުގެ ޔަގީންކަން ވެމްބްލީގެ އޮފިޝަލުން ވަނީ ދީފައިއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރަން ފުލުހުންވެސް ހަރަކާތްތެރި ވެފައިވާކަންވެސް ފާހަނގަ ކޮށްލެވެއެވެ.

Comment