އަމާރީއަށް އައި ޖަރުމަނު ވިލާތުގެ 2 ފަތުރުވެރިއެއްގެ ޚާއްޞަ އެހީ އެއް އަބޫބަކުރު ސްކޫލް ސެން ކްލާހުގެ ދަރިވަރުންނަށް ދީފިއެވެ.
ފަތުރުވެރިން ގެ ގޮތުގައި އަމާރީއަށް އައި 2 ފަތުރުވެރިން ކަމުގައިވާ ބްރޯން ނިކޯލް މާޓިނާ އާއި ގާޓް ފްރާންޒް ޕައުލް ގެ ފަރާތުން ދިން މިއެހީ އާއި ބެހޭގޮތުން އެ މީހުންނާއި ޙަވާލާދީ އަމާރީ ސްޓާފެއް ކަމުގައިވާ ޢަލީ ނަދީމް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތުރުވެރިންގެ ފަރާތުން ލިބުނު އެހީ އަކީ އެމީހުން އަމިއްލައަށް ބޭނުންވެގެން ދިން ތަކެތި ކަމަށާއި އެމީހުން ބޭނުން ވަނީ ޗުއްޓީ ހޭދަކުރުމަށް ދާ ރިސޯޓަކާ ކައިރީގައި ތިބި ޚާއްސަ އެހީ އަށް ބޭނުންވާ ބަޔަކަށް އެ ތަކެތި ދޭން ކަމަށެވެ.
އެގޮތުން އަބޫބަކުރު ސްކޫލް ގެ ސެން ކްލާހުގެ ދަރިވަރުންނަށް ތަކެތި މިއަދު ވަނީ ޙަވާލު ކޮށްފައި ކަމަށް ޢަލީ ވިދާޅުވިއެވެ.
އަމާރީއަށް އައި 2 ފަތުރުވެރިން ކަމުގައިވާ ބްރޯން ނިކޯލް މާޓިނާ އާއި ގާޓް ފްރާންޒް ޕައުލް
އަބޫބަކުރު ސްކޫލް ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲ ވިދާޅުވީ އަމާރީއަށް އައި ދެފަތުރުވެރިން އަމިއްލަ ގޮތުން އެސްކޫލުގެ ސެން ކްލާހަށް ހާއްސަ އެހީ ދީފައިވާ ކަމަށާއި އެދެފަތުރުވެރިންނަށް އަބޫބަކުރު ސްކޫލާއި ބެހޭ ގޮތުން މައުލޫމާތު ދިނީ އަމާރީ ރިސޯޓުން ކަމަށެވެ.
މީގެ އިތުރުން އަމާރީ ރިސޯޓުގެ ސްޓާފް އަލީ އާއި ހަވާލާދީ ޖަމްސީދާ ވިދާޅުވީ އެދެފަތުރުވެރިން ބޭނުންވީ އެރިސޯޓާއި ކައިރި ކޮންމެވެސް ރަށަކަށް އެހީއެއް ދިނުމަށާއި އެގޮތުން އަބޫބަކުރު ސްކޫލްގެ ސެން ކްލާހުގެ ވާހަކަ އެދެފަތުރުވެރިން ކައިރީ ދެއްކީ އަމާރީ ރިސޯޓުން ކަމަށެވެ. އެހެންކަމުން އަމާރީ ރިސޯޓަށް އަދި އެދެފަތުރުވެރިންނަށް ޖަމްޝީދާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް އުގަންނައި ދިނުމަށްޓަކައި އަބޫބަކުރު ސްކޫލުގައި ސެން ކްލާސް ހުޅުވުނީ 2007 ވަނަ އަހަރުގައެވެ. ސެން ކްލާހުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާތާ 14 އަހަރުވެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީ އަދި ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް އެސްކޫލުގެ ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.