ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ އޮތޯރިޓީ އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.
“މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު” އުވާލުމުގެ ބިލު ދިރާސާކުރި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި 13 މެބްބަރުންގެ ތެރެއިން 11 މެމްބަރަކު ވޯޓު ދެއްވެވީ އެއޮތޯރިޓީ އުވާލުމަށެވެ. މިކަމާއި ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވެވިއެވެ. ކޮމިޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ޓްރާންސް ޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލަން ވޯޓު ދިނުމުން ކޮމިޓީން މިހާރުވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލަން ފާސްކޮށް ރިޕޯޓް އެކުލަވާފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އޮތޯރިޓީ އުވާލަން ހިމަނައި، “މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު” އުވާލުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެތަނުގެ ޚިދުމަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެ އޮތޯރިޓީ އުވާލުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ. އަދި އެ އޮތޯރިޓީގެ ބޯޑުން ޓްރާންސްޕޯޓު މިނިސްޓަރު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައި ޓްރާސްޕޯޓް މިނިސްޓްރީ އުވާލައްވައި، އެމިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނާއި، އެމިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް، ސަރުކާރުގެ އެހެން ބައެއް އިދާރާތަކަށް ބަދަލުކުރެއްވިއެވެ.