އެއްވެސް ކަމަކީ ނުވާނެކަމެއް ކަމަށް ޤަބޫލްނުކުރާށެވެ. ކޮންމެކަމަކީވެސް ވެދާނެކަމެކެވެ. ވެދާނެކަމަށް ހީވެސްނުކޮށް ހުއްޓާ ކަންތައް ވެގެންދާގޮތުން މީހުންތައް ދެލޯ ބޮޑުކޮށްލައިގެން ސައިހޮޓާތަކާއި، ހޮޅުއަށި އަދި ސިޓިންްގްރޫމްތަކުގައި ތިބިގެން އެފަދަ ވާހަކަ ދައްކަން އާޝޯހްވެފައިވެސް އެބަތިބެއެވެ. ދުނިޔޭގެ ކަންކަންކަމާއި ހާލަތު ބަދަލުވެގެންދަނީ ކަނޑުގެ އޮޔާއި ވައި ބަދަލުވެގެންދާހައި ހަލުވިކޮށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދަނީ މިފަދަ ކަންތަކެވެ. ފުޓްބޯޅައިގެ ޓުރާންސްޕާރ މާކެޓްއެކޭ އެއްގޮތަށޭވެސް ބުނެވިދާނެއެވެ. ބޮޑުއަގުގައި ކުޅުންތެރިން އެއްޓީމުން އަނެއްޓީމަށް ދާފަދައިންނެވެ. ދުވަހަކު ސިޔާސީގޮތުން ވަކިފިކުރަކާއި ނުގުޅޭނަމޭ ބުނެފައި ދެން ފެންނަނީ އެ ފިކުރުގެ ފަޅިއަށް އަރައި ހުއްޓައެވެ. ހުއްޖަތަކީ ދީނާއި ޤައުމަށްޓަކައެވެ. ތިމަންނާ މި ޕާޓި ދޫކޮށް އެހެން ޕާޓީއަކާ ގުޅޭނީ ތިމަންގެ ބައްޕަ ކަށްވަޅުން ތެދުވެއްޖެ ނަމައޭ ބުނިމީހާ ދުވަސްކޮޅަކުން ފެނުނީ އެހެން ޕާޓީއަކުންނެވެ.
އިނގިރޭސި މަޝްހޫރު ލިޔުންތެރިއެއް ކަމަށް ވާ ޖޯރޖް އޯރވެލް ވިދާޅުވެފައި ވެއެވެ. “ސިޔާސީ ބަހުރުވަ އަތުރާލެވިފައި ވަނީ ދޮގާއި އޮޅުވާލުމަކީ އެއީ ތެދާއި ރަނގަޅު ގޮތް ކަން ހާމަ ވާ ގޮތަށް ކަމަށެވެ. މީހުން މެރުމަކީ އިހުތިރާމު ލިބިގެންދާ ފަދަ މަސައްކަތެއްގެ ގޮތުގައި ހާމަ ކުރެވޭ ފަދަ ގޮތަކަށެވެ. އަދި ފެންނަ ފެނުމަށް އެއީ މޮޅު ގޮތް ކަމަށް ސިފަ ވާގޮތަށެވެ.
ސިޔާސީގޮތުން ކުރިން ހަތުރުން ކަމުގައިވާ ނަންމަޝްހޫރު ފަރާތްތައް ކޮޑާއި ކޮޑު ޖައްސައިގެން ތިބޭތަން ފެނުމުން އަޅުގަނޑުމެން ޅަސިކުނޑިތަކަށް އެއީ ބަލައިގަންނަން އަދި ޤަބޫލްކުރަން ދަތިކަމަކަށް ވެދާނެއެވެ. އަމްދުން ރާއްޖެކަހަލަ ސިޔާސީ ޕާޓީތަކުގެ ޅަފަތުގެ ޒަމާނެއްގައި މިކަންވާނީވެސް މިހެންނެވެ
ނަމަވެސް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމްތަކާއި ތަރައްޤީވަމުންއަންން ޤައުމުތަކުގައި މިއީ ފެންނަމުންދާ ހަޤީގަތެކެވެ. ބަރުލަމާނީ ނިޒާމްގެ ދަށުން ވެރިކަންކުރަމުންދާ އިނގިރޭސީ ވިލާތުގެ ލޭބަރ ޕާޓީ ތެރޭގައި ގޯރޑަން ބްރައުންއާ، ޓޯނީ ބްލެއަރގެ އަރައިރުމާއި ކޯޅުންގަނޑަށް ނަޒަރު ހިންގާލަމާތޯއެވެ. ވަރަށް ގާތް އެކުވެރި ދެ ރަޙްމަތްތެރިންނެވެ. އެ ދެބޭފުޅުންގެ ޒައާމަތުގައި، 1997 ވަނަ އަހަރުގެ ނަމުގައި ލޭބަރ ޕާޓީ، އެޕާޓީގެ ތާރީހުގައި ނުދެކޭފަދަ ފުރިހަމަ ކެންޕެއިނެއް ކުރައްވައި މުޅި އިނގިރޭސި ވިލާތް ސިއްސުވަލިއެވެ. ކޮންޒަރވޭޓިވް ޕާޓީގެ 18 އަހަރު ވީ ދިގު ވެރިކަން މި ޒުވާންލީޑަރުން ނުކުމެ ކުރެއްވެވި މަސައްކަތުން ނިމުމަކަށް ގެނައެވެ. އެންމެފަހުން ކަންވީގޮތަކީ ބްރައުން ބޮޑުވަޒީރުކަމުގެ މަޤާމަށް ފެންބޮވައިގެންފައިވަނިކޮށް ބުލެއާރ 9 އަހަރު ވެރިކަން ކުރެއްވިއަސް ވެރިކަން ދޫކޮށްލާކަށް ގަސްތެއް ނުކުރެއްވެވިއެވެ. ވެރިކަމުގެ އިއްޒަތާއި ލައްޒަތު ބުލެއާރގެ ސިކުޑިއަށް ސަވާރުވެގެންދިޔަގޮތަށް ފިލައި ނުދިޔައެވެ. ނަތީޖާއަކަށްވީ ދެ މިތުރުން ހަތުރުންނަށް ބަދަލުވެގެން ދިޔުމެވެ.
ގުޅުން ގޯސްވެގެން ދިޔަމިންވަރަކީ ބްލެއަރ ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކަށް ވަޑައިގަންނަވަން ބްރައުން ވަނީ ދެކޮޅުހައްދަވާފައެވެ. ބްލެޔަރ އޭނާ ނެރުއްވި އޮޓޯބަޔޮގްރަފީ “އަ ޖާރނީ” ގައި ލިއުވާފައިވާ ގޮތުން ބައެއް ފަހަރު ކެބިނެޓް ބައްދަލުވުންތަކުގައި ވަޒީރުންގެ ހާޒިރުގައި ވެސް ބްރައުން ކޯފާވެ، ބްލެއަރާ ދިމާލަށް އަޑުގަދަކުރައްވާފައިވައި ވެއެވެ. އަދި ބްލެއަރ ފާހަގަކުރައްވާފައި ވާގޮތުން ބްރައުންއަކީ “މުސީބާތަކަށް” ވާނެކަމަށް އޭނާއަށް ކުރީންވެސް ވިސްނިވަޑައިގެންފައި ވެއެވެ. މިކޯޅުން އެންމެފަހުން ނިމުނީ 2007 ވަނަ އަހަރު ބްލެއަރ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވުމުންނެވެ. އޭގެފަހުން ބްރައުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. އަދާހަމައަށްވެސް މި ދެމީހުންނަކީ ސިޔާސީ ހަތުރުންނެވެ.
އަވަށްޓެރި ލަންކާގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލަމާތޯއެވެ. ދާދި އެއްގޮތް ކަންތަކެވެ. ސިޔާސީގޮތުން ގާތް ދެ މިތުރުން ހަތުރުންނަވެފައެވެ. ސްރިލަންކާގެ ރައީސް ކަމުގައި މަހިންދަ ރާޖްޕަކްސާ ހުންނެވި އިރު ސިރިސޭނާއަކީ އޭނާގެ ހެލްތު މިނިސްޓަރެވެ. ފަހުން ލަންކާގެ ސިޔާސީ މައިދާން ހަލަބޮލިވެ، ރާޖްޕަކްސާ އާއި ސިރިސޭނާ ސިޔާސީ ހަތުރުންނަށް ބަދަލުވެ ރައީސް ކަމުގެ މަގާމަށް އޭރު ސިރިސޭނާ އިދިކޮޅު ކޯލިޝަން ކެންޑިޑޭޓަކަށް ހެދީ އެވެ. ރަނިލް ވިކްރަމަސިންހަ އާއި ސިރިސޭނާ އެއްބައިވެގެން ރާޖްޕަކްސަގެ ވެރިކަން ނިމުމަކަށް ގެނައެވެ. ފަހުން ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެއްވުމަށްފަހު ކުރީގެ ރައީސް ރާޖްޕަކްސަ ބޮޑްވަޒީރުކަމަށް ގެނައެވެ. ހާލަތު އަނެއްކާވެސް އެކޮޅުކޮޅުން ޖަހާލީއެވެ.
މެލޭޝިއާގެ މަސްރަހްއަށް ބަލަމާތޯއެވެ. ޑރ.މަހާތީރު މުހައްމަދު މެލޭޝިޔާގެ 22 އަހަރު ބޮޑުވަޒީރުކަން ކުރެއްވެވިއިރު އޭނާ އެންމެ އިތުބާރު ކުރެއްވެވި އެއް ބޭފުޅަކީ އޭނާގެ ޑެޕިއުޓީ އަންވަރު އިބްރާހިމްއެވެ. ޑރ މަހާތީރުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް އޭނާގެ ޑެޕިއުޓީ އަންވަރު އިބްރާހިމް ސިއްރު މަސައްކަތްތަކެއް ފެއްޓެވިއެވެ. ނަތީޖާއަކަށްވީ މިކަންތަށް ފަޅާއަރައި އަންވަރުގެ ބޮލުގައި ބަދްއަޙްލާޤީ މައްސަލައާއި ކަރަޕްޝަންގެ މައްސަލަތައްއަޅުވައި ޖަލުހުކުމަކާއި ކުރިމަތިލާންޖެހުމެވެ. ފަހުން މަހާތީރުގެ ވެރިކަން އަބްދުﷲ ބަދާވީއާ ހަވާލުކުރެއްވި އިރުވެސް އަންވަރު ހުންނެވީ ބަންދުގައެވެ. ފަހުން މިނިވަންވެވަޑައިގެން މަހާތީރާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުއްލަވާ އެއް ބޭފުޅަކީ، ކުރީގެ މިތުރު، އަޚް އަންވަރު އިބްރާހިމެވެ.
ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޮޑުވަޒީރު ނަޖީބް އާއި ދެކޮޅަށް މެލޭޝިޔާގައި ސިޔާސީގޮތުން ހިޔާލުތަފާތު އެންމެން އެއްހިޔާލެއް ގެނެސް ނަޖީބްގެ ވެރިކަން ބަދަލުކުރުމަށް ބަދަލަކަށް މެލޭޝިޔާގެ ސިޔާސީ ލީޑަރުންނަށް އެއްބަސްވެވުނީ އަނެއްކާވެސް ސިޔާސީ ކަންކަމާ ދުރުގައި ހުންނެވި އުމުރުން 92 އަހަރު ވެފައިވާ މަހާތީރު މުހައްމަދެވެ. ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ ވެރިކަމުގައި 2015 ވަނަ އަހަރު އަންވަރު ޖަލަށްލެވުނެވެ. މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބްގެ ވެރިކަމާއި ދެކޮޅު ހައްދަވައި ޕާޓީއިން ވަކިވެ ވަޑައިގެން ސިޔާސީ ކަންކަމާއި ދުރުގެ ހުއްނެވުމަށްފަހު ޤައުމު ހަމަމަގަށް އެޅުވުމަށްކަމަށްބުނެ މެލޭޝިޔާގެ އާންމު އިންތިހާބް މަހާތީރު ކާމިޔާބުކުރެއްވުމަށްފަހު އަންވަރު އާއި ބޮޑުވަޒީރުކަން ހަވާލް ކުރައްވަން މާހާތީރު ނިންމެވިއެވެ. އަދި ޖަލުގައި އޮންނަވައިގެން އަންވަރު އޭނާގެ ސަޕޯރޓަރުންނަށް މަހާތީރުގެ ކޯލިޝަންއަށް ވޯޓް ދިނުމަށް ގޮވާލެއްވިއެވެ. މަހާތީރުވަނީ އަންވަރު މިނިވަންކުރުމަށް ޝާހީ އަފްވާމެއް ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ. އަންވަރު މިނިވަންވުމުން އޭނާއަށް ބޮޑުވަޒީރުކަން ހަވާލުކުރުމަށް މަޙާޞީރުވަނީ އެއްބަސްވެފައެވެ.
މަހާތީރުގެ ނައިބް އައްޔަން ކުރެއްވެވީ އަންވަރުގެ އަނބިކަބަލުން ވަން އަޒީޒާ ވަން އިސްމާއިލްއެވެ. މަހާތީރު 10 މެއި 2018 ވެރިކަމަށް ވަޑައިގެން މަހެއްހާ ދުވަސް ތެރޭ ވަނީ އަންވަރު، 72، އަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައި، ޖަލުން މިނިވަންކޮށްފަ އެވެ.
ނަމަވެސް ކަންހިނގައި ދިޔައީ ހީކުރިގޮތާއި މުޅިން ހިލާފަށެވެ. އެންމެފަހުން ކޯލިޝަންތެރޭގައި މައްސަލަޖެހި މާހާތީރު ބޮޑުވަޒީރުކަމުން 24 ފެބްރުއަރީ 2020 ގައި އިސްތިއުފާ ދެއްވިއެވެ. މަހާތީރު އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރު އޭނާ އިސްވެ ހުންނަވައިގެން ރަޖިސްޓްރީކުރި ޕާޓީކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕާޓީ ޕްރިބުމީ ބެރުސާތު މެލޭޝިއާ) އިން މަހާތީރު ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ޕާޓިން އޭނާ ބޭރުކޮށްލީ ބެރުސާތު ޕާޓީގެ އިސްބޭފުޅެއްކަމަށްވާ މުހްޔިއްދީން ޔާސީން އިސްކޮށް ހުންނަވައިގެން މަހާތީރުގެ ބާރު ކަނޑުވާލައި ބޮޑުވަޒީރުކަމުން އިސްތިއުފާދޭން މަހާތީރަށް މަޖްބޫރު ކުރުވުމުންނެވެ.ނަމަވެސް ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވުމުގެ ކުރިން ސަރުކާރު ހިންގާ އިއްތިޙާދުގެ ބައިވެރިންނާއި އިދިކޮޅު ޕާޓީތަކާދެމެދުވަނީ އަންވަރަށް ބޮޑުވަޒީރުކަން ހަވާލުނުކޮށް، ސަރުކާރެއް އުފެއްދުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަންވަރު ޤަބޫލްކުރާގޮތުގައި ކޯލިޝަން ސަރުކާރުން އަންވަރުއަށް ދޯކާ ދިނީއެވެ.
ދިވެހި ރާއްޖެއަށް ބަލާލަމާތޯއެވެ. މި ރާއްޖޭގައިވެސް ކަންހިނގަމުންދަނީ ދާދި އެއްގޮތަކަށެވެ. ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވަނީއެވެ. ރައީސް މުހައްމަދު އަމީން އެންމެ އިތުބާރު ކުރެއްވެވި އެއްބޭފުޅަކީ އެމަނިކުފާނުގެ ނައިބް ވެލާނާގެ އިބްރާހިމް ދީދީއެވެ. ރައީސް އަމީން ގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސްކޮށް އަޑީގައި ހުންނެވީ އިބްރާހީމް މުހައްމަދު ދީދީ ކަމަށް ތުހުމަތު ކުރެވެ އެވެ. އިބްރާހީމް ދީދީ އަކީ ރައީސް އަމީންގެ ބައްޕާފުޅުފަޅީން ދެބޭންގެ ދެދަރި ބޭފުޅެކެވެ. ގަބޫލުކުރެވޭ ގޮތުގައި އިބްރާހީމް ދީދީ އަޑީގައި ހުންނަވައިގެން އަމީންގެ ވެރިކަން ނިމުމަކަށް ގެންނެވީ ވެރިކަމުގެ ދަހިވެތި ކަމުގަ އެވެ.
ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. ނަމަވެސް ވެރިކަންކުރުމުގެ އެދުން އިލްޔާސްގެ ސިކުޑިއަށް ސަވާރުވެ ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން އެތަކެއް ރޭވުމެއްރޭވިއެވެ. ސިހުރު ހާހޫރު ފަންޑިތަވެސް ހެދިއެވެ. ނަމަވެސް މިކަންތަށް ފަޅައިއަރައި ރައީސް މައުމޫންގެ އިތުބާރު އިލްޔާސް އިބްރާހިމްގެ މައްޗަށް ގެއްލިދިޔައެވެ. އަހަރެން ކައިރީ އުމަރު ނަސީރު އޭނާގެ އޮފީހުން ދިމާވެގެން ބުނި އެއްޗެއް ކުއްލިއަކަށް ހަދާނަށް އަތުވެއްޖެއެވެ. މައުމޫން އަރިހުގައި އިލްޔާސް ވެރިކަން ލިބިދާނެ ހުވެފެނުގައި ހުންނެވިގޮތަށް، ވެރިކަން ކުރާ ޕާޓީގެ ތެރޭގައިވެސް ވެރިކަމަށް އައުމުގެ ހުވަފެން ދެކޭ ކިތަންމެ ބަޔަކު ތިއްބަވާނެއެވެ. ކޮންމެއަކަސް މިވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އާއި އެ ޕާޓީގެ އޭރުގެ ޗެއާރޕާސަން މުހައްމަދް ނަޝީދުއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. ރަހުމަތްތެރިކަން ނިމިގެންދިޔައީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އިބްރާއަށް ލިބިފައިވާ ބާރެއް ބޭނުންކުރަން ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) މަސައްކަތްކުރަމުންދާ ކަމުގައި ބުނެއެވެ. މާފަންނު ޔާގޫތުގޭގައި ބަންދުކުރެވިފައި ހުންނެވި އެމްޑީޕީގެ ޗެއަރޕާރސަން ނަޝީދު ބޭނުންފުޅުވީ ކައުންސިލުގެ ބައްދަލުވުންތައް އޭނާގެ ރިޔާސަތުގެ ދަށުން އޭނާ އެ ގެއެއްގައި ބަންދުގައި ހުންނެވި ޔާގޫތުގޭގައި ބޭއްވުމަށެވެ. ނަމަވެސް ޕާޓީގެ ރައީސް އިބްރާޙިމް އިސްމާއިލް ބޭނުންފުޅުވީ އޭނާގެ ރިޔާސަތުގައި އޭނާ ކަނޑައަޅުއްވާ ތަނެއްގައި ބައްދަލުވުންތައް ބާއްވާށެވެ. އެންމެފަހުން މައްސަލަތަށް ގޯސްވެ ޕާޓީއިން އިބްރާވަކިވިއެވެ. އޭގެފަހުން އިބްރާ އިސްވެ ހުންނަވައިގެން ޝޯޝަލް ލިބަރަލް ޕާޓީގެ ނަމުގައި އާ ޕާޓިއެއްވެސް ރަޖިސްޓްރީ ކުރިއެވެ. އަދި 2008 ވަނަ އަހަރު ބޭއްވުން ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދުއާއި އިބްރާ ވާދަވެސް ކުރެއްވިއެވެ. އޭގެފަހުން ރިޔާސީ އިންތިހާބު މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމުށްފަހު އިބްރާ ހުންނެވީ ރައީސް ނަޝީދުގެ ހާއްސަ މުޝީރެއްގެ މަޤާމުގައި ރައީސް އޮފީހުގައެވެ. އަނެއްކާވެސް މިތުރުންނަށްވީއެވެ. ރައީސް ނަޝީދު 07 ފެބްރްއަރީ 2012 އިސްތިއުފާ ދިނުމަށްފަހު އިބްރާއާއި ނަޝީދު ވެގެންދިޔައީ ދެ ހަތުރުންނަށެވެ. މިހާރު ރައީސް ނަޝީދުއަށް އެންމެބޮޑަށް ފާޑު ކިޔުއްވާ އެއް ބޭފުޅަކީ އިބްރާއެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައި ހެއްދެވި ޑީއާރުޕީ ތެރޭގައި ކަންހިނގައި ދިޔަގޮތް ބަލާލަމާތޯއެވެ. ރައީސް މައުމޫން ސިޔާސީ ކަންކަމާ ދުރުވެވަޑައިގެން ޕާޓީގެ ލީޑަރުކަން އަހްމަދު ތަސްމީން އަލީއާއި ހަވާލުކުރެއްވެވިއެވެ. އެއީ އޭރު ރައީސް މައުމޫން އެންމެ އިތުބާރު ކުރެއްވެވި ފަރާތެވެ. އަހްމަދު ތަސްމީން އަލީއަކީ ރައީސް މައުމޫން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވެވިއިރު އެމަނިކުފާނުގެ ރަނިންގމޭޓްއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރެއްވެވި ބޭފުޅެކެވެ. ތަސްމީން ޑީއާރުޕީގެ ލީޑަރުކަމާ ހަވާލުވެ ވަޑައިގެން ފަހުން ރައީސް މައުމޫންއާއި ތަސްމީންއާ ދެމެދު މައްސަލަޖެހި ދެބޭފުޅުން ހަތުރުންނަށްވީއެވެ. އެންމެފަހުން ޑީއާރުޕީގެ އަޑު ސިޔާސީ މަސްރަހުން ފަޑުވެ ތަސްމީންއާ އޭނާގެ ޓީމް އެންމެބޮޑަށް ފާޑު ކިޔުއްވެވި އެމްޑީޕީއާ ގުޅުނީއެވެ. ރައީސް ނަޝީދު އާއިއެކު ކޮނޑާއި ކޮނޑު ޖައްސަވާ ސިޔާސީ މަސައްކަތަށް ނުކުތެވެ.
ރައީސް މައުމޫން އާއި އެމަނިކުފާނުގެ ކޮއްކޮ ރައީސް ޔާމީންއާއި ޖެހުނު މައްސަލަތަކާއި ކޯޅުމަށް ބަލައިލަމާތޯއެވެ. ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާއި މައްސަލަ ޖެހި ޕާޓީއިން ވަކިވެ ޕީޕީއެމްގެ ނަމުގައި އާ ޕާޓިއެއް ރަގިސްޓްރީ ކުރެއްވެވިއެވެ. އެޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީގައި އުމަރު ނަސީރު އާއި އަބްދު ﷲ ޔާމީން ވާދަކޮށް ރިޔާސީ ޓިކެޓް ޕުރައިމަރީ ހޫނުގަދަ އިންތިހާބަކަށްފަހު ކާމިޔާބު ކުރެއްވެވީ ޔާމީންއެވެ. އެފަހުން 2013 ވަނަ އަހަރު ބޭއްވެވި ރިޔާސީ އިންތިހާބު ކާމިޔާބް ކުރެއްވެވީ އަބްދު ﷲ ޔާމީންއެވެ. އެއަށްފަހު ޕާޓީތެރޭގައި މައްސަލަޖެހި ރައީސް މައުމޫންއާއި ކޮއްކޯފުޅު ރައީސް ޔާމީން މެދުގައި މައްސަލަޖެހި އެންމެފަހުން ރައީސް މައުމޫން ޕާޓީއިން ވަކިކުރެއްވެވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު ޖަލަށްވެސް ލެވުނެވެ. އޭގެފަހުން މިއަދާ ހަމަޔަށްވެސް އެއީ ސިޔާސީ ހަތުރުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބްގެ މަގާމުގައި ހުންނެވީ ޑރ މުހައްމަދު ޖަމީލް އަހްމަދްއެވެ. ރައީސް ޔާމީން ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކުރައްވަވައި 21 ޖުލައި 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހުން ޑރ ޖަމީލްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަޤާމުން ވަކިކުރެއްވެވިއެވެ. މަޤާމުން ވަކިކުރެއްވުމުން ޑރ ޖަމީލް އަމިއްލަ ފުޅަށް އިނގިރޭސީ ވިލާތަށް އަރުވާ ވަޑައިގަތެވެ. އޭގެފަހުން ޑރ ޖަމީލް ސިޔާސީގޮތުން އެންމެ ފާޑުވިދާޅުވި ރައީސް ނަޝީދުއާއި ގުޅިވަޑައިގެން އިނގިރޭސިވިލާތުގައި ހުންނަވައިގެން ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. ދެބޭފުޅުން އެކީ ފަރިއްކުޅުއްވާތަން ދޭތެރެ ދޭރެއިން ޓުވިޓާއިން ފެންނަ ފޮޓޯތަށް ފެނުމުން ހައިރާންވެފަތިބި މީހުންވެސް ތިއްބެވެ. އިނގިރޭސީ ވިލާތުގައި ހުންނަވައިގެން އުފެއްދެވި ޔުނައިޓެޑް އޮޕަޒިޝަންގެ ލީޑަރަކަށް ހުންނެވީ ޑރ ޖަމީލްއެވެ.
ޑރ ޖަމީލް މަޤާމުން ވަކިކުރެއްވުމަށްފަހު ނައިބްރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވެވީ ޔާމީންގެ ކެބިނެޓްގައި ޓޫރިޒަމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި އަހްމަދު އަދީބްއެވެ. ޤާނޫން އަސާސީއަށް ބަދަލު ގެންނަވައި އަދީބް އެ މަޤާމްއަށް އައްޔަންކުރެވުނެވެ. އޭގެ ފަހުން ސަރުކާރުތެރެއިން ފެނިގެންދިޔައީ އަދީބްގެ ބާރެވެ. އަދީބްގެ ބާރުއޮތީ ހުރިހާ ދިމާލަކަށް ވަދެފައެވެ. ސިފައިންނާއި ފުލުހުންނާއި ކޯޓްތަކުގައެވެ. އެންމެފަހުން އެހާ އާރާއި ބާރުގައި އުޅުއްވެވި ނައިބްރައީސް ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލިކަމުގެ ތުހުމަތުގައި ޖަލަށްލެވުނެވެ. އޭގެފަހުންް ކަރަޕްޝަންގެ ބޮޑެތި ތުހުމަތްތަކެއް އަދީބްގެ ބޮޅުގައި އެޅުނެވެ. ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވެވި އަހްމަދު އަދީބް އާއި ރައީސް ޔާމީން އަކީ މިހާރު ސިޔާސީ ހަތުރުންންނެވެ.
2017 ވަނަ އަހަރުގެ ފަހުކޮޅު ވެގެންދިޔައީ ސިޔާސީ ހަތުރުން މިތުރުންނަށް ވެގެންދިޔަ އަހަރަކަށެވެ. މި އަހަރުގެ މުޅި ސިޔާސީ މަސްރަހު އަނބުރާލި އެންމެ ބޮޑު އެއް ކަމަކީ މިހާތަނަށް ސިޔާސީ ހަތުރުން ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިތުރުންނަށްވުމެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ސިޔާސީ އެންމެ ހަތުރުން ގޮތުގައި ތިބި އެ ދެ ރައީސުން އެކުގައި މަސައްކަތް ކުރުން ސަރުކާރުގެ މެންބަރުން ސިފަ ކުރެއްވީ “ތެލާ ފެނާ” އެއްވުން ކަމަށެވެ. އެ ދެ ރައީސުންގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމްއާއި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އެކު އެއް ގަނޑެއްގައި ހަތަރު ލީޑަރުން ސޮއިކޮށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށީ 2017 ވަނަ އަހަރު މާޗު މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެގެ ފަހުން ޖޭޕީގެ ހަރުގެ، މ. ކުނޫޒުގައި ހަތަރު ޕާޓީން އެއްކޮށް ޖަލްސާތައް ބާއްވަން ފަށާ، މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްތައް ފެށި އެވެ. މ.ކުނޫޒް ވެގެން ދިޔައީ އިދިކޮޅު ފަރާތުގެ ސިޔާސީ އައްޑާއަށެވެ. އެމްޑީޕީގެ ހަރުގެ ތަކުން ޖަހަމުން ދިޔައީ ތިޔައީ ޒަޢީމެ އަދުލޮބުވެތި ޤައުމު ފަހުރުވެރިވާއެވެ. އެއަށްފަހު އިދުކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވިއެވެ. 2018 ވަނައަހަރުގެ އިންތިހާބު އިދިކޮޅު ކޯލިޝަންނުން ކާމިޔާބު ކުރެއްވެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުވުމާއެކީ އަރުވާލެވިގެން ތިއްބެވި ސިޔާސީ ލީޑަރުން މާލެ ވަޑައިގެތެވެ. ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެން ދުވަހު އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވެވިއެވެ. އެ ޖަލްސާގައި އެމަނިކުފާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދް ސޯލިހްއަކީ އެމަނިކުފާނުގެ ކުޑައިރުންފެށިގެން ގާތް ރަހުމަތްތެރިޔާއެވެ. ނަމަވެސް މި ރަހްމަތްތެރިކަމުގައި މާކަގިނަދުވަހެއް ނުވަނީސް ރެނދުލާން ފަށާފިކަން ހާމަވާން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރ ފައްޔާޒް އިސްމާއިލް މަޤާމުން ދުރުކުރުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތާއި ރައީސް ސޯލިހް ދެކޮޅު ހައްދަވައި ފައްޔާޒް ދިފާޢު ކުރެއްވެވިއެވެ.
ރައީސް ސޯލިޙް އާއި ރައީސް ނަޝީދުގެ ގުޅުން އެއްކޮށް ހީނަރުވެފައިވާކަން ރައީސް ނަޝީދު 12 ޖުލައި 2021 އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕްއަކަށް ފޮނުވާފައިވާ މެސެޖްތަކުން ހާމަވެއްޖެއެވެ. ރައީސް ނަޝީދު މިވަނީ މިފަހަރު ސީދަލަށް މިވާހަކަ ދައްކާފައެވެ. އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެއްބާރުލުން ދެވެންނެތް ވާހަކަ ފާޅުކަންބޮޑު ގޮތުގައި ހާމަ ކުރެއްވެވީއެވެ.
ސަބަބަކަށްވީ ނަޝީދު ބޭނުންފުޅުވާ ބައެއް ކަންކަން ސަރުކާރުގެ ތެރެއިން އެ ބޭނުންފުޅުވާ ގޮތަކަށް ކުރެއްވުމުގައި ހުރަސްތައް ކުރިމަތިވުމާއި ބަރުލަމާނީ ނިޒާމު ގެނައުމުގައި ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ ގޮތަކަށް އެއްބާރުލުން ލިބިވަޑައިނުގަތުމަކީ މައިގަނޑު ސަބަބުތައް ކަމަށް ބެލެވެ އެވެ.
ކޮންމެއަކަސް އެމަނިކުފާން އަވާހަރަ ކޮށްލަން 6 މެއި 2012 ދެވުނު ހަމަލާއަށްފަހު ސަރުކާރާއި ރައީސް ނަޝީދުއާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެއްޖެއެވެ. ނަޝީދުގެ ސަޕޯރޓަރުން ޤަބޫލް ކުރައްވާގޮތުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ސަރުކާރުތެރެއިން އިންސާފް ލިބުމަށް ހުރަސް އަޅާކަމުގެ ތުޙުމަތުތަކެވެ. ކޮންމެއަކަސް މިއޮތީ ޖޫން ޖުލައިގެ ގަދަ ވިއްސާރައެއްފަދަ ގަދަ ސިޔާސީ ވިލާގަނޑެއް ބޯމަތިވެފައެވެ. ގާތް ދެ ރަހުމަތްތެރިން ހަތުރުންނަށްވެފައެވެ.
ރައީސް ނަޝީދު މިފަހަކަށްއައިސް ވަނީ އެމަނިކުފާން ސިޔާސީގޮތުން ރައީސް ޔާމީންއާއި އެކީ މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރިކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ސުވާލަކީ މި ދެހަތުރުން މިތުރުންނަށްވެ ސިޔާސީގޮތުން ކޮނޑާއި ކޮނޑު ޖައްސަވައިގެން މަަސަތްކަތް ކުރައްވާތަން ފެނިދާނެބާއެވެ؟