އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ހާލަތު ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް ނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދު އަޅައި އިމާރާތް ހަލާކުވަމުންދާތީ އެސްކޫލުގައި ކިޔަވާ ކުދިން އެހެން ސްކޫލަކަށް ބަދަލުކުރުމަށް ގޮވާލުމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވަނީ ސްކޫލް އިމާރާތުގެ ހާލަތު އަދި އެހާ ގޯސް ނޫން ކަމަށާއި ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް އިމާރާތުގެ ހާލަތު ނުދާ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ގޮސްފިނަމަ އެކަމަށްވެސް ހައްލު ހޯދައިދޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އިމާރާތަކީ 2013 ވަނަ އަހަރު އެޅި އިމާރާތެއް ކަމަށާއި އެހާ އަވަހަށް އެއިމާރާތަށް ގެއްލުންވާން ފެށުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި މިއަންނަ ބަންދުތެރޭ އެއިމާރާތުގެ މަރާމާތް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީން މިކަމުގައި ހައުސިން މިނިސްޓްރީއާއި ގުޅިގެން އެސެސްމެންޓެއް ހެދިކަމަށާއި، ނަމަވެސް އެއަށްވުރެއް ފުޅާކޮށް ބަލަންޖެހޭ ކަމަކަށްވުމުން، މިހާރު އެ ޢިމާރާތުގެ ސްޓްރެކްޗަރަލް އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލް އިމާރާތުގެ ހަލާކުވަމުންދާތީ އެސްކޫލްގެ ބެލެނެވެރިންގެ އިތުރުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކުދިން އެހެން ސްކޫލަކަށް ބަދަލުކުރަން ވަނީ ގޮވާލާފައެވެ. އިމާރާތުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު އެއިމާރާތް ވަނީ ވަރަށް ބޮޑަށް ރެނދު އަޅައި ހަލާކުވެފައެވެ.