ސާބިތު ދަރަންޏެއް ނުދައްކާތީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤާޒީ އަލްއުސްތާޒާ އުއްމު ކުލްޘޫމް އަބޫބަކުރު މަޤާމުން ވަކިކޮށްފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން ރޭ ނެރުނު ބަޔާނުގައި ބުނާގޮތުން ދ.ކުޑަހުވަދޫގެ މެޖިސްޓްރޭޓް އުއްމުކުލްޘޫމް އާ ގުޅޭ ސާބިތު ދަރަންޏެއް ހުކުމާއި އެއްގޮތަށް ދައްކާފައި ނުވާ ކަމަށާއި އެމައްސަލަ އާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު އެމަޤާމު މިހާރު ހުސްވެފައިވާ ކަމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ މިއަހަރުގެ 89 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަން އެބަޔާނުގައި ބުނެފައިވެއެވެ.
ފަނޑިޔާރެއްގެ މަޤާމުގައި ހުރެ ސާބިތު ދަރަންޏެއް އަދާނުކުރާނަމަ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް ނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެކަމަކަށްވެފައި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ފަނޑިޔާރަކު، ހުރި މަޤާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އުއްމު ކުލްޘޫމް ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ ޖޭއެސްސީން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.