ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމުގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފްތާއަށް ތާވަލްކޮށްފިއެވެ.
އަންނަ ހަފްތާގެ އަންގާރަ ދުވަސް ކަމަށްވާ 30 ނޮވެމްބަރ 2021 ވަނަ ދުވަހު ހެދުނު 9 ޖަހާއިރު ބާއްވާ އަޑުއެހުމުގައި އިސްތިއުނާފް ހުކުމް އަޑުއިއްވާނެ ކަމަށް ޔާމީންގެ ވަކީލުންނަށް ސްޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވުނު އަޑުއެހުމުގައި ސްޕްރީމް ކޯޓުން ވިދާޅުވީ ޗެކް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ލިޔުމުގައި ނަމްބަރު ދިމާނުވި ނަމަވެސް އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތުވާ ކަމަށެވެ.
އެހެންނަމަވެސް މިމައްސަލައިގެ ހުލާސާ ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ޔާމީނުގެ މައްޗަށް އިއްޔެ ވަނީ ދެ ދައުވާއެއް ދައުލަތުން އުފުލާފައެވެ. އެއީ ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރެވުނު ނަމަވެސް ޔާމީންގެ މައްޗަށް އިއްޔެ އުފުލާފައިވާ ދެދައުވާގެ މައްސަލަ ކުރިޔަށް ދާނެއެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުގައެވެ.