ލޯބީގެ ބައްދަލުވުންތަކުގައި ލޯބިވެރިޔާގެ އަތުގައި ހިފުމާއި، ދެލޯބިވެރިން އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ހިގާލަން ދިޔުމަކީ ލޯބި އިތުރުވާ ކަމެއްކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
ނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ޖެހޭނީ، ކޮންމެ އިންސާނަކީ، ލޯބިވެރިޔެއްގެ ލޯބި ހާސިލްކުރެވޭ ނުވަތަ ލޯބި ލިބުމުގެ ނަސީބު ލިބޭ ބަޔެއް ނޫނެވެ. ޖަޕާނުގެ ޖިފޫ ޔުނިވާސިޓީގެ ރިސާޗަރުންތަކެއް ގުޅިގެން ކޮށްފައިވާ މަސައްކަތުން، ބައިވެރިއެއްގެ ފިރުމުމުން ނުވަތަ ބީހިލުމުން މަހްރޫމް ވެފައިވާ، ލޯބިވެރިޔަކާއި ނުލައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ހައްލެއް ހޯދާފައެވެ.
މި ރިސާޗަރުންގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ލޯބިވެރިއެއް ނެތްކަމުގައި ވީނަމަވެސް ލޯބިވެރިއާގެ އަތުގައި ބީހިލުމުން ކުރެވޭ އިހްސާސް އަމިއްލަޔަށް ދެނެގަނެވިދާނެއެވެ. ރިސާޗަރުން ހޯދި މިހައްލަކީ، ރޮބެޓް އަތެކެވެ. “އޮސަމްޕޯ ކަނޯޖޯ” އިނގިރޭސި ބަހުން ތަރުޖަމާ ކުރާނަމަ “ވޯކިންގ ގާލްފްރެންޑް” ނުވަތަ އެކުގައި އަތުގައި ހިފައިގެން ހިގާނެ ބައިވެރިއެކެވެ.
ބަލާބެލުމަށް، ބުދެއްގެ އަތެއްފަދަ އަތެކެވެ. ނަމަވެސް މިއީ މިއަތުގައި ހިފައި އެވާ އިހްސާސް ނުބަލާ ފަރާތްތަކަށް ހީވާ ގޮތެކެވެ. މި ރޮބޮޓިކް އަތަކީ، އިންސާނެކޭ އެއްފަދައިން، އިންސާނެއްގެ އަތުގައި ބީހުމުން ވާ އިހްސާސް، ގެނުވާ 7 ޑިޒަިން ޕޮއިންޓް އެކުލަވައިގެން އުފައްދާފައިވާ އަތެކެވެ.
މި ރޮބޮޓިކް އަތުގެ ބޭރު ފަށަލަ ތައްޔާރު ކުރެވިފައިވަނީ، އަންހެނެއްގެ އަތުގައި ހުންނަ، މަޑުކަމާއި ދާދި އެއްގޮތް އިޙްސާސެއް ގެނެސްދިނުމަށް މަޑު ޖެލް އެއް ބޭނުންކޮށްގެންނެވެ.
މިއަތުގެ ބޭރުން ޕްރެޝަރެއް ދިނުމުން، ނުވަތަ އަތަށް މަޑުމަޑުން ފިތާލުމުން، އެތެރޭގައިވާ ސެންސަރުތަކެއްގެ އެހީގައި، އަތުގައި ހިފާ ފަރާތުގެ އަތް އެފަދައިން ފިއްތާލެވެއެވެ.
ބައިވެރިޔާއެކު ހިނގާލަން ދާއިރު، ބައެއްފަހަރު އެއްވަރަކަށް ދެމީހުންނަށް ނުހިނގޭ ހާލަތްތަކުގައި، ލޯބިވެރިޔާ ކުޑަކޮށް އަތަށް ބާރުވާހެން ހިނގާފައި ދާއިރު، ދާމާލާ ބީދައިން، މިއަތް ހަށިގަޑުގައި ހަރުކުރެވިފައިވާއިރު، އޭގައި ވާ މޯޓަރުތަކުގެ އެހީގައި މާބާރަށް ހިނގާނަމަ، އިންސާނެކޭ އެއްފަދައިން ފަހަތަށް މަނޑުމަނޑުން ދަމާލައެވެ.
މިއަތުގައި އެކުލެވޭ ހޫނުކޮށްދޭ މެކޭނިޒަމެއްގެ ސަބަބުން އަސްލު އިންސާނެއްގެ އަތްތިލަ އެކޭ އެއްފަދައިން، ކޮންމެވެސް ވަރެއްގެ ހޫނުކަމެއް އިންސާނެއްގެ އަތަކާއި އެއްގޮތަށް ގެނެސްދެއެވެ. ބައެއް އިންސާނުންގެ އަތުން ދާހިއްލުމުން އުދަނގޫ ވީނަމަވެސް، މިއަތުގައިވެސް ކޮންމެވެސް ވަރެއްގެ ތެތްކަމެއް އެކުލެވެއެވެ. ބޭރުގެ ފިނިހޫނުމިން މާބޮޑަށް ހޫނުވުމުން ރޮބޮޓް އަތުން އަސްލު އިންސާނެކޭ އެއްގޮތަށް ދާހިއްލައެވެ.
މިއަތުގައި ހިފައިގެން ހިނގާއިރު، ބޭނުންނަމަ، އަތުގައި ހިމެނިފައިވާ ސްޕީކަރުގެ އެހީގައި، ހިނގާ އަޑު އަދި، އަސްލު އިންސާނެކޭ އެއްގޮތަށް ނޭވާލާ އަޑު، ނުވަތަ މީހަކު އެކުގައި ވާކަހަލަ ތަފާތު ނެޗުރަލް އަޑުތަށް ވެސް ގެނެވިދާނެއެވެ.
މިއަތް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްގެ ގޮތުން، އަންހެނުންގެ މެދުގައި މަޝްހޫރު ޝޭމްޕޫގެ ވަސް ނުވަތަ ފެންވަރައިގެން ނުކުންނައިރު އެހުންނަ ތާޒާކަމާއި އެއްގޮތް ތާޒާ ވަހެއް މިއަތުގައި ބޭނުންކުރެވިފައިވާ ފެބްރިކް ކުޑަކޮށް ހޫނުވުމުން ދުވަދުވާ ހުރެއެވެ.