ރާއްޖޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ “އަންވެއިލިންގ ވިޝަން” އާރޓް އެގްޒިބިޝަން އަންނަ ޑިސެމްބަރ މަހުގައި ބާއްވަން ނިންމައިފިއެވެ.
80 އަށް ވުރެ ގިނަ ޒުވާނުންގެ ކުރެހުމުގެ ހުނަރު މިއަހަރު ފެނިގެންދާ މިއެގްޒިބިޝަން އޮންނާނީ ޑިސެމްބަރ 4 އިން 14 އަށް ނެޝަނަލް އާރޓް ގެލެރީގައެވެ.
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާޓް އެގްޒިބިޝަން “އަންވެއިލިން ވިޝަންސް”ގައި ހަތް ކެޓަގެރީއަކުން ކުރެހުންތައް ބައިވެރިކުރެވޭނެއެވެ. އެކެޓަގެރީ ތަކަކީ ޑްރޯވިން، ޕެއިންޓިން، ޑިޖިޓަލް އާޓް، ކެލިގްރަފީ، ސްކަލްޕްޗާ، އިންސްޓޮލޭޝަން އަދި މިކްސްޑް މީޑިއާ އެވެ.
މިއެގްޒިބިޝަނުގައި ހިމަނާ ފޮޓޯތަކުގެ ތެރެއިން ކޮންމެ އަހަރުކު ވެސް “ދަ މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް” މި އަހަރު ވެސް ދެވޭނެއެވެ.
މެކް އިން ބުނެފައިވަނީ ރާއްޖެގެ ހުނަރުވެރި ފަންނާނުންގެ ކުޅަދާނަކަން ދައްކުވައިދީ މިދާއިރާއަށް އަލަށް ނުކުންނަ އާޓިސްޓުންނަށް އެ މީހުންގެ މަސައްކަތްތައް ދައްކާލައި އިތުރު ފުރުސަތުތައް ހޯދުމަށް އެހީތެރި ވެދޭނެ ކަމަށެވެ.
“އަންވެއިލިންގ ވިޝަން” އާރޓް އެގްޒިބިޝަނަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަރޓް އެގްޒިބިޝަންގެ ގޮތުގައި ފާހަނގަ ކޮށްލެވެއެވެ.