ޚަބަރު
އެކުވެރި ސުވާދީބުގެ ނަމުގައި ސިޔާސީ ޕާޓީ ހަދަން ހުއްދަ ނުދިން

“އެކުވެރި ސުވަދީބު ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި މިމަހުގެ 15 ވަނަ ދުވަހު މުހައްމަދު ޔާސީން އީސީއަށް ހުށައެޅުމުން އޭނާއަށް ފޮނުވި ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ކަމަށެވެ.

އަދި މި ގަވައިދުގެ ހަވަނަ މާއްދާގެ (ރ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާ ނަމަކީ އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ “އެކުވެރި ސުވަދީބު ޕާޓީ” އަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ކުރެވޭ ނަމަކަށް ވާތީ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެން ކަމުން އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަމަށް، ކޮމިޝަނުން ނިންމާފައިވާ ކަމަށް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ސޮއިކުރަށްވާ ޔާސީން އަށް ފޮނުވި ސިޓީގައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން މުހައްމަދު ޔާސީން އަށް ފޮނުވި ސިޓީ

“ސުވަދީބަކީ” ދެކުނު ބަޣާވާތުގައި ހުވަދޫ، ފުވައްމުލައް އަދި އައްޑޫ އަށް ނިސްބަތް ކޮށް އެއިރު އުފެދުނު ވަކި ސަރުކާރަށް ކިޔައި އުޅުނު ނަމެކެވެ. އެހެން ނަމަވެސް، ރަސްމީ ސިފައެއްގައި މިހާރު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް “ސުވަދީބު” ނިސްބަތް ކޮށްފައެއް ނުވެއެެވެ.

Comment