ފެންޑާ
ސޮރީއަކުން ހުރިހާ ކަމެއް ނިންމާލެވޭކަށް ނެތް

“ސޮރީ” މިލަފުޒަކީ ވަރަށް ގިނަ ފަރާތެއްގެ އަތްމަތީ ބަހެކެވެ. ބައެއް ފަރާތްތަކަށް ހިވެފައިވާގޮތުން،  ސޮރީ  އަކީ ކޮންމެ ކަމެއް ކޮށްފައި، އެކަމެއް “އަންޑޫ” ކޮށްލުމަށް ނުވަތަ އެކަމެއް އެއީ ނުވާކަމަކަށް ހަދާލުމަށް ބޭނުންކުރެވޭ ކޮމާންޑެކެވެ. ނަމަވެސް އަހަރަމެން ހީކުރާ ފަދައިން، ކޮމްޕިއުޓަރުގެ ތަފާތު ޕްރޮގްރާމްގައި “އަންޑޫ” ހަދާލެވޭހާ ފަސޭހައިން ކޮންމެ ކަމެއް ކޮށްފައި “ސޮރީ” އޭ ބުނެ ނިންމާ ނުލެވޭނެއެވެ.

“ސޮރީ” މިލަފުޒު ފުރަތަމަ ފަހަރަށް ބޭނުންކުރެވުނީ 1533 ވަނަ އަހަރުގައެވެ. މިލަފުޒު ފުރަތަމަ ބޭނުންކުރެވުނީ ސަރ ތޯމަސް މޯގެ ފޮތެއް ކަމުގައިވާ “ދަ ވޯކް އެޕޮލޮޖީ އޮފް ސަރ ތޯމަސް މޯ ނައިޓް” ކިޔާ ފޮތެއްގައި ޝާއިއު ކޮށްގެން ނެވެ. ކެމްބްރިޖް އެންސައިކްލޯ ޕިޑިޔާ ލިޔުއްވާފައިވާ ޑޭވިޑް ކްރިސްޓަލް ލިޔެފައިވާ ގޮތުން “ސޮރީ” މިލަފުޒު ފުރަތަމަ ބޭނުންކުރެވުނީ، ނުރައްކާތެރި ހާލަތެއް ދިމާވުމުން، ދެރަކަމެއް ދިމާވުމުން، ދެރަވެ ކަންބޮޑުވާ ފަދަ ހާލަތްތަކިުގައެވެ. ނަމަވެސް “ސޮރި” މިލަފުޒު މިފަހަކަށް އައިސް ބޭނުން ކުރެވެވެނީ، މަޢާފަށް އެދުމުގެ ގޮތުން ނުވަތަ އެއީ ގަސްތުގައި ކުރިކަމެއް ނޫންކަން ނުވަތަ އެއީ ނުވާކަމަމަށް ހަދާލުމަށެވެ.

ކުށެއް ކުރެވުމުން ނުވަތަ ކަމެއް ގޯސްކޮށް ކުރެވުމުން މަޢާފަށް އެދުން އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. މައާފަށް އެދުމުގެ ގޮތުން “ސޮރީ” ބުނުން އެއީ ރަނގަޅު ކަމެކެވެ. ސޮރީ ގެ ބަދަލުގައި، ދިވެހި ބަހުން ވާހަކަ ދައްކާއިރު، “ވަރަށް ބޮޑަށް މަޢާފަށް އެދެން” މިއިބާރާރާތް ބޭނުންކުރުމުން އަދި މާރީތިއެވެ. ނަމަވެސް މަޢާފަށް އެދެން ބޭނުން ނުވެ ހުރެ، ކިބުރުވެރިކަން އިސްކޮށް، ހަމައެކަނި އެހާލަތު ހަމަޖައްސާލުމުގެ ނިޔަތުގައި އެއްޗެއް ބުނާ މީހަކަށް ބުނަން އެންމެ ފަސޭހަ ލަފުޒަކަށް ސޮރީ ވެގެން ދެއެވެ.

ކުރެވޭ ކޮށެއްގެ ކުދު ބޮޑުމިނުން، ނުވަތަ ކުރެވޭ ކުށެއްގެ ބާވަތުން އެކަމާއި ގުޅުން ހުންނަ ފަރާތްތަކުގެ ގުޅުމަށް ބައެއް ހާލަތުގައި ބުރޫއަރައި އެކަކު އަނެކަކަށް ޒަމާންތަކެއް ވަންދެން ކުރަމުން އައި އިޙްތިރާމާއި، އިތުބާރާއި، އެއްކޮށް ގެއްލިގެން ދިޔުމަށް ފަޅި ސިކުންތެއްވެސް ނުވެއެވެ. މިފަދަ ހާލަތުަގައިވެސް ހަމަ ބުނާނީ ސޮރީ ހެއްޔެވެ؟ ޒަމާންތަކެއް ވަންދެން ހިތްހަމަ ޖެހިގެން ދިރިއުޅެމުން އައި މިހެއްގެ ދިރިއުޅުން ވިއްސި ވިހާލި ކޮށްލާފައިވެސް ބުނަންވީ ސޮރީ ހެއްޔެވެ؟. ނުވަތަ މީހެއްގެ ފުރާނަ ތިބާގެ އިހުމާލުން ދުއްވާލާފައިވެސް ބުނާނީ ހަމަ ސޮރީ ހެއްޔެވެ؟ ވިހަ ބަސްތަކަކުން މީހެއްގެ ހިތް ފަޅި ފަޅިކޮށްލާފައި، ހެދުނީ ގޯހެއް ކަން އެނގުމުންވެސް ބުނާނީ ހަމަ ސޮރީހެއްޔެވެ؟ މިފަދަ ތަފާތު ހާލަތްތަކުގައިވެސް ގިނަ ފަހަރު އަހަރަމެންނަށް އަތްމަތީ ބަހެއްގެ ގޮތުގައި ސޮރީ ބޭނުންކުރެވެއެވެ. މިފަދަ ހާލަތްތަކުގައި، އެސޮރީގެ ބޭނުމެއް އެބަ ކުރެވޭ ހެއްޔެވެ؟ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ސޮރީ އިން އެއްވެސް ކަމެއް ކުރިން އޮތްގޮތަށް ބަދަލުވޭތޯ؟ މިއީ ވިސްނާލަން ރަނގަޅު ކަމެކެވެ. ގެއްލިއްޖެ އިތުބާރެއް އެއީ އަނބުރާ އިއާދަ ކުރެވޭނެ އެއްޗެއް ނޫނެވެ. އިތުބާރު ގެއްލޭ ހާލަތުގައި ސޮރީ ބުނެ ނިންމާ ނުލެވެއެވެ.

ކޮންމެ އުމުރެއްގައިވެސް، އަހަރަމެން އިންސާނުންނަށް ތަފާތު ކުށްތަށް ކުރެވެއެވެ. ތަފާތު ކަންތައް ކުރުމުގައި ގަސްތުގައި ނޫނަސް ތަފާތު ގޯސްތައް ހެދެއެވެ. އެފަދަ ހާލަތްތަކުގައި މަޢާފަށް އެދި އަލުން އެކުށް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައި ސޮރީއަށް އެދުމުން މައްސަލައެއް ނެތެވެ. ނަމަވެސް އިތުބާރު ގެއްލުމުން، ބުނެލާ ސޮރީގެ އެންމެ ލަފުޒަކުން އެ އިތުބާރެއް އަލުން އަބުރާ ނުގެނެވޭނެއެވެ،

ކުރެވޭ ކުށަކަށް މަޢާފަށް އެދުމަކީ އަދި މަޢާފް ކުރުމަކީވެސް ފަސޭހަ ކަމެކެވެ. ގެއްލިއްޖެ އިތުބާރަކީ ސޮރީ އަކުން އަލުން އަނބުރާ އިއާދަކުރެވޭނެ އެއްޗެއް ނޫނެވެ. ސޮރީއަކީ ބުނެލަން ފަސޭހަ، ކޮންމެ ހާލަތެއްގައި ވެސް، އިޚްތިޔާރުން ބޭރުންވެސް ބުނެވޭ އެއްޗެކެވެ.  ނަމަވެސް އިތުބާރުގެއްލޭ ފަދަ ހާލަތްތަކުގައި، މަޢާފް ކުރުމަކީ އަދި އެކަން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއް ނޫނޭނެވެ. މިފަދަ ހާލަތްތަކުގައި އެކަމަކަށް މަޢާފް ދިނުމާއި، ހަނދާން ނައްތާލުމަކީ އެއީ ބައެއް ފަހަރު ނުވާނޭ ކަމެކެވެ. ސޮރީއަކުން ހުރިހާ ކަމެއް އަންޑޫކޮށް ހަނދާން ނައްތާ ލެވޭކަށް ނެތެވެ.

Comment